
ރައީސް ޑރ މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ބައެއް ހަރަދުތަކަކީ އެމަނިކުފާނުގެ ޖީބުން ކުރައްވަން ޖެހިވަޑައިގަންނަވާ ހަރަދުތަކެއް ނަމަ އެ ހަަރދުތައް އެހެން ކުރައްވާނެތޯ އައްސަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ ސުވާލެއް އަމާޒުކުރައްވައިފިއެވެ.
ޕީއެންއެފުން އާދިއްތަ ދުވަހުގެރޭ ބޭއްވި ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ ޖަމީލު ވަނީ، ރައީސް މުއިއްޒު ދައުލަތުގެ ފައިސާ ނަހަމ ގޮތުގައި ބޭނުންކޮށް ބޭކާރު ހަރަދުތައް ކުރަމުން ގެންދަވާކަމުގެ ތުހުމަތުކުރައްވާފައެވެ.
އެގޮތުން އެމަނިކުފާނު ވަނީ، ބަޖެޓުގެ ބޭރުން މިހާރުވެސް ގިނަ ހަރަދުތަކެއް ރައީސް ކުރައްވާފައިވާ ކަމަށް ވިދާޅުވެ އެފަދަ ހަރަދުތަކަކީ ހުދު ރައީސް މުއިއްޒުގެ ޖީބުން ކުރައްވަން ޖެހިވަޑައިގަންނަވާ ހަރަދުތަކެއް ނަމަ އެއްވެސް ޖެހިލުންފުޅެއް ނެތި މިހާރުވެސް އެކުރައްވާ ގޮތަށް ކުރައްވާނެތޯ އައްސަވާ ސުވާލެއް ދޫކުރައްވާފައެވެ.
ޑރ ޖަމީލު ވަނީ ގާނޫނާ ގަވާއިދުތައް ހުރި ނަމަވެސް ރައީސް މުއިއްޒު އެކަންކަމަށް ފަރުވާ ނުބަހައްޓަވާ ކަމަށް ވިދާޅުވެފައެވެ.










