
ރައީސް އަބްދުﷲ ޔާމީނުގެ ހުސް ގޮނޑި ތާއަބަދަށް، ރައީސް މުހައްމަދު މުއިއްޒުގެ ޚަސީލަތުގެ ނުބައިކަން ހަނދާން ކޮށްދޭނެ ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީއެންއެފްގެ ވެސް ނައިބު ރައީށް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ، ރައީސް މުއިއްޒަކީ ބޭވަފާތެރިއެއް ކަމަށާއި، އެމަނިކުފާނު މިހާރު ހުންނެވީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް އެކަނިވެރިވެފައި ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެެވެ.
ރައީސް މުއިއްޒުގެ ސިޔާސީ އުޅުމާއި މިޒާޖަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޑރ ޖަމީލު ކުރައްވާފައިވާ އެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ރައީސް މުއިއްޒާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ ސައްތަ އިން ސައްތަ ތެދު ވާހަކަތަކެއް ކަމަށެވެ.
"ދިވެހިރާއްޖޭގެ ތާރީޚުގައި މުއިއްޒު ފަދައިން މީހަކު ބޭވަފާތެރި ނުވާ" ކަމަށް ވިދާޅުވެ، ޑރ. ޖަމީލް ވަނީ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ރައީސް މުއިއްޒަކީ އެމަނިކުފާނަށް ލިބުނު އިހްސާންތެރިކަމުގެ ބަދަލުގައި "ތެޔޮހަމެއް" ދެއްވި ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާ ޑރ ޖަމީލު ވަނީ، ރައީސް ޔާމީނުގެ ހުސް ގޮނޑި ތާއަބަދަށް ރައީސް މުއިއްޒުގެ ޚަސީލަތުގެ ނުބައިކަން ހަނދާން ކޮށްދޭނެ ކަމަށްވެސް ވިދާޅުވެފައެވެ.










