March 12, 2026
Advertisement
.
. / އޭޕީ

ކުޑަކުދިންނަށް އަނިޔާދޭ ލިސްޓުގައި އ.ދ. އިން އިސްރާއީލު ހިމަނައިފި

Azzama
އައްޒާމާ
Jun 8, 2024, 04:09 PM

މިދިޔަ އަހަރު ކުޑަކުދިންނަށް ހިމާޔަތް ނުދޭ ކުށްވެރިންގެ ލިސްޓަށް އިސްރާއީލުގެ އަސްކަރިއްޔާ އިތުރުކޮށްފައިވާ ކަމަށް އދ.ގައި ހުންނަ އިސްރާއީލުގެ ސަފީރު ހާމަކޮށްފިއެވެ.

Advertisement

އެ ނިންމުން ހުކުރު ދުވަހު އޭނާއަށް އަންގާފައިވާ ކަމަށް ގިލާޑް އެރްޑަން ވަނީ ބުނެފައެވެ. އެ ނިންމުމަކީ "ލަދުވެތި ނިންމުމެއް" ކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ. ފޮރިން މިނިސްޓަރު އިސްރާއީލް ކަޓްޒް ބުނެފައިވަނީ އެކަމުގެ ސަބަބުން "އދ.އާ އެކު އިސްރާއީލުގެ ގުޅުމަށް އޭގެ ނަތީޖާތަކެއް ކުރިމަތިވާނެ" ކަމަށެވެ.

ފަލަސްތީނުގެ ރައީސްގެ ތަރުޖަމާނަކު ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ނިންމުމަކީ އިސްރާއީލުން ހިންގާ ޖަރީމާތަކަށް ޖަވާބުދާރީ ކުރުވުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

އިސްރާއީލުން ޣައްޒާގައި ހަމާސްއާ ދެކޮޅަށް ކަމަށް ބުނެ ހިންގަމުންދާ އަސްކަރީ ކެމްޕޭނުގައި އެތައް ހާސް ކުދިންނެއް ޝަހީދުވެފައިވާއިރު، އިތުރު އެތައް ހާސް ބަޔަކު އިންސާނީ އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައިވެއެވެ.

ސެކްރެޓަރީ ޖެނެރަލްގެ އަހަރީ ލިސްޓުގައި ހިމެނެނީ ހަމަނުޖެހުންތަކުގައި ކުދިން މެރުމާއި އެހީ ނުލިބުމާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކަށް ހަމަލާ އަމާޒުކުރާ ފަރާތްތަކެވެ. އަންނަ ހަފުތާގައި އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ރިޕޯޓުގައި މި ލިސްޓު ހިމެނުމަށް ވަނީ ނިންމާފައެވެ.

އިސްރާއީލު ސިފައިންގެ މައްޗަށް ތުހުމަތު ކުރެވެނީ ކޮން ކަންތަކެއް ކަމެއް ތަފްސީލްކޮށް ސާފެއް ނުވެއެވެ.

ހަމާސް އާއި ފަލަސްތީނުގެ އިސްލާމިކް ޖިހާދު ވެސް އެ ލިސްޓުގައި ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ އދ. "ތާރީހުގެ ކަޅު ލިސްޓަށް" އިތުރުވެފައިވާ ކަމަށާއި އިސްރާއީލުގެ އަސްކަރިއްޔާއަކީ "ދުނިޔޭގެ އެންމެ އަޚްލާގީ ސިފައިން" ކަމަށެވެ.

ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 36،731 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 7,797 ކުޑަކުދިން ހިމެނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved