March 11, 2026
Advertisement
ރަޝިޔާގެ ރައީސް ޕޫޓިން
ރަޝިޔާގެ ރައީސް ޕޫޓިން / ރޮއިޓަރސް

ހުޅަނގުގެ ގައުމުތަކާ ދެކޮޅު ގައުމުތަކަށް ހަތިޔާރު ފޮނުވަފާނެ ކަމަށް ޕޫޓިން ވިދާޅުވެއްޖެ

Azzama
އައްޒާމާ
Jun 8, 2024, 09:14 PM

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ހުކުރު ދުވަހު ވަނީ ހުޅަނގުގެ ދުޝްމަނުންނަށް ހަތިޔާރު ފޮނުއްވާނެ ކަމަށް ދެވަނަ ފަހަރަށް އިންޒާރު ދެއްވައި، އެއްވެސް ގައުމެއް ނުވަތަ ޖަމާއަތެއްގެ ނަން ހާމަކުރައްވަން ދެކޮޅު ހައްދަވާފަ އެވެ.

Advertisement

ޕޫޓިން މި އިންޒާރު ދެއްވީ، މޮސްކޯއާ އެކު ހިނގަމުންދާ ހަނގުރާމައިގައި ޔޫކްރެއިންއަށް ހުޅަނގުގެ ތާއީދު ދިނުމާ ބެހޭ ގޮތުން ސެއިންޓް ޕީޓާސްބާގް އިންޓަނޭޝަނަލް އިކޮނޮމިކް ފޯރަމްގައި ދެއްވި ތަގުރީރުގައެވެ.

"އެމީހުން ކޮމްބަޓް ޒޯނަށް [ހަތިޔާރު] ސަޕްލައިކޮށް، އަޅުގަނޑުމެންގެ ސަރަހައްދާ ދެކޮޅަށް މި ހަތިޔާރު ބޭނުން ކުރުމަށް ގޮވާލާނަމަ، ކީއްވެގެންތޯ އަޅުގަނޑުމެންނަށް އެކަން ކުރުމުގެ ހައްގު ނުލިބެނީ؟" އޭނާ ބައިވެރިންނަށް ކިޔައިދިނެވެ.

މިފަދަ ފިޔަވަޅެއް އަޅާނީ ކޮން އިރަކު ކަމެއް ޕޫޓިން ވިދާޅެއް ނުވެއެވެ. ހުޅަނގުގެ ދުޝްމަނުންނަށް މިވަގުތު ރަޝިޔާއިން ހަތިޔާރު ފޯރުކޮށް ނުދޭ ކަމަށް ފާހަގަކުރައްވައި، އަދި ހަތިޔާރު ފޮނުވަން ވިސްނަނީ ކޮން ގައުމުތަކެއް ނުވަތަ ޖަމާއަތަކަށް ކަމެއް ވެސް ހާމައެއް ނުކުރައްވައެވެ.

ރަޝިޔާގެ ލީޑަރު ބުދަ ދުވަހު ބައިނަލްއަގްވާމީ ނޫސްވެރިންނަށް ވިދާޅުވީ ހުޅަނގުގެ އަމާޒުތަކަށް ހަމަލާދިނުމަށް ގައުމުތަކަށް ދުރުރާސްތާގެ ހަތިޔާރު މޮސްކޯއިން ފޯރުކޮށްދެވިދާނެ ކަމަށާއި މި ނިންމުން ނިންމީ ރަޝިޔާގެ ސަރަހައްދަށް އެމެރިކާއިން އުފައްދާފައިވާ ހަތިޔާރުތަކުން ހަމަލާދިނުމުގެ ހުއްދަ ޔޫކްރޭނަށް ދިނުމުންކަމަށެވެ.

އަދި މިހާރު އޮތް ނުރައްކާތެރިކަމުގެ މިންވަރަކީ މޮސްކޯގެ ނިއުކްލިއާ ޑޮކްޓްރިންގައި ބަޔާންކޮށްފައިވާ ގޮތަށް އެފަދަ ހަތިޔާރު ބޭނުންކުރުމުގެ ފުރުސަތު ނެތް ކަމަށް ވިދާޅުވި ނަމަވެސް، ރަޝިޔާގެ އިސްތިގުލާލަށް ނުރައްކާވާ ކަމަށް ފެނިއްޖެނަމަ ނިއުކްލިއާ ހަތިޔާރު ބޭނުން ކުރަން ތައްޔާރަށް ހުރިކަން ހުކުރު ދުވަހު ޕޫޓިން ވަނީ އަލުން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެކަން ބަދަލުވެދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ނިއުކްލިއާ ޑޮކްޓްރީނެއް އެބައޮތް، ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމަކީ ހާއްސަ ހާލަތެއްގައި، އަޅުގަނޑުމެންގެ ގައުމުގެ އިސްތިގުލާލާއި ސަރަހައްދަށް ނުރައްކާވާ ވަގުތުތަކުގައި ކުރެވޭނެ ކަމެއް" ޕޫޓިން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved