March 12, 2026
Advertisement
.
. / އޭޕީ

ޣައްޒާ ހަނގުރާމަ ހުއްޓާލާ އެމެރިކާގެ ޕްލޭނަށް އދ. ގެ ސަލާމަތީ މަޖިލީހުން ތާއީދުކޮށްފި

Azzama
އައްޒާމާ
Jun 11, 2024, 04:40 PM

އެމެރިކާއިން ހުށަހަޅާފައިވާ އިސްރާއީލާއި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭނަށް ތާއީދު ކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ވޯޓު ދީފިއެވެ.

Advertisement

އެ ހުށަހެޅުމުގައި "ހަނގުރާމަ އެއްކޮށް ހުއްޓާލުމާއި" ހަމާސްއިން ހައްޔަރުކޮށްފައިވާ އިސްރާއީލު މީހުން ދޫކޮށްލުމާއި މަރުވެފައިވާ އިސްރާއީލުންގެ ހަށިތައް އަނބުރާ ދިނުމާއި ފަލަސްތީނުގެ ގައިދީން ބަދަލުކުރުމުގެ ޝަރުތުތައް ކަނޑައަޅާފައިވެ އެވެ.

އެމެރިކާއިން އެކުލަވާލި ގަރާރަށް ތާއީދުކޮށް ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން 14 މެންބަރުން ވޯޓު ދެއްވިއެވެ. މި ގަރާރަށް ރަޝިޔާއިން ވޯޓު ދީފައެއް ނުވެއެވެ.

އެ ގަރާރުގައި ބުނެފައި ވަނީ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުން އިޒްރޭލުން ބަލައިގެންފައިވާ ކަމަށާއި ހަމާސް އަށް ވެސް އެކަމަށް އެއްބަސްވުމަށް ގޮވާލާ ކަމަށެވެ.

އޭގެ މާނައަކީ މެއި މަހުގެ 31 ވަނަ ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން އިފްތިތާހު ކުރެއްވި ތިން ބައިގެ ޕްލޭނަށް ތާއީދު ކުރުމުގައި ސަލާމަތީ މަޖިލީހުން ގިނަ ސަރުކާރުތަކަކާއި ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ ޖީ-7 ޖަމާއަތާ ގުޅިފައިވާ ކަމެވެ. ބައިޑަން އޭރު ސިފަކުރެއްވީ އެއީ އިސްރާއީލުގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމެއްގެ ގޮތުގައެވެ.

މި ވޯޓާއެކު ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމުގެ ގޮތުން އެ ޕްލޭން ބަލައިގަންނަން ދެ ފަރާތަށް ވެސް ޕްރެޝަރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ގަރާރު ފާސްކޮށްފައިވަނީ ސުލްހައިގެ އެއްބަސްވުމަށް ތާއީދު ހޯދުމުގެ ގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިމެނޭ ގޮތަށް ބޭރުގެ ލީޑަރުންނާ ބައްދަލުކުރެއްވިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.

އދ.ގެ ވޯޓުގެ ކުޑަ އިރުކޮޅެއް ކުރިން ބްލިންކެން ވިދާޅުވީ އެ ސަރަހައްދުގެ ލީޑަރުންނަށް ދެއްވި މެސެޖަކީ ހަނގުރާމަ ހުއްޓާލަން ބޭނުންނަމަ ހަމާސް އަށް އާނއެކޭ ބުނުމަށް ބާރު އަޅުއްވާށެވެ.

ހަމާސްއިން މީގެ ކުރިން ވަނީ އެ ޕްލޭންގެ ބައެއް ބައިތަކަށް ތާއީދުކުރާ ކަމަށް ބުނެ، ސަލާމަތީ މަޖިލީހުގެ ގަރާރަށް މަރުހަބާ ކިޔާ ބަޔާނެއް ވެސް ނެރެފައެވެ. ހަމާސް އިން މި ޕްލޭންގެ ސަބަބުން ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލައި ޣައްޒާއިން އިސްރާއީލު މުޅިން ފޭބުމަށް މަގުފަހިވާނެ ކަމުގެ ޔަގީންކަން ދިނުމަށް އެދޭނެ ކަމަށް ބެލެވެއެވެ.

އެމެރިކާ އާއި އިސްރާއީލުގެ އޮފިޝަލުން ބުނާ ގޮތުގައި ދޯހާގައި ހުންނަ ހަމާސްގެ ސިޔާސީ ލީޑާޝިޕުން އަދި ރަސްމީކޮށް އެ ހުށަހެޅުމަށް ޖަވާބެއް ދީފައެއް ނުވެ އެވެ.

މި ހުށަހެޅުން ނިމުމަކަށް އަންނާނީ ހަމަނުޖެހުންތަކުގައި ވަރަށް ބޮޑަށް ހަލާކުވެފައިވާ ޣައްޒާގެ އާރާސްތުކުރުމުގެ ބޮޑު ޕްލޭނަކުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved