ސެނެޓުގައި ބަޖެޓް ކުޑަކުރުމުގެ އިސްލާހުތަކަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވޯޓަށް އެހި ވަގުތު އާޖެންޓީނާގެ ވެރިރަށް ބުއެނަސް އައިރިސްގެ ރައަޓް ފުލުހުން ވަނީ ކޮންގްރެސްގެ ބޭރުގައި އެކަމާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ ބައިވެރިން ރޫޅާލުމަށް ކަރުނަ ގޭހާއި ފެން ޖަހާފައެވެ.
މުޒާހަރާގެ ބައިވެރިން ބުނަނީ މި ފިޔަވަޅުތަކުގެ ސަބަބުން އާޖެންޓީނާގެ އެތައް މިލިއަން ބަޔަކަށް އަނިޔާވާނެ ކަމަށެވެ. މި މުޒާހަރާގައި ވަނީ ޕެޓްރޯލް ބޮމާއި ހިލައުކައި، ކާރެއްގައި އަލިފާން ރޯކޮށްލާފައެވެ.
ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، ލޯކަލް މީޑިއާތަކުން ބުދަ ދުވަހުގެ އެ މަންޒަރަކީ "ހަނގުރާމައިގެ މައިދާނެއް" ކަމަށް ސިފަކޮށްފައިވެއެވެ.
ކަނާތުފިޔައިގެ ރައީސް ހާވިއާ މިލޭއީ ހުށަހެޅުއްވި އިސްލާހީ ޕެކޭޖުގައި އިގްތިސާދީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި ޕެންޝަން ކަނޑާލުމާއި ލޭބަރުންގެ ހައްގުތައް ހަނިކުރުން ހިމެނެއެވެ.
މި ފިޔަވަޅުތަކާ ދެކޮޅު ހަދަނީ ވާތުފިޔައިގެ ސިޔާސީ ޕާޓީތަކާއި ލޭބަރ ޔޫނިއަންތަކާއި އިޖުތިމާއީ ޖަމިއްޔާތަކުންނެވެ.
އެކަމަކު ސެނެޓުގައި ފުރަތަމަ 36-36 އިން އެއްވަރުވި އެ ހުށަހެޅުން ފުރަތަމަ ފަހަރަށް ފާސްކުރީ ޗެމްބަރުގެ ވެރިޔާ ނައިބު ރައީސް ވިކްޓޯރިއާ ވިލަރޫއެލް ވޯޓު ދިނުމުންނެވެ.
328 މާއްދާގެ ބިލް ބުރާސްފަތި ދުވަހު ފުރިހަމައަށް ފާސްކުރުމުގެ ކުރިން ކޮންމެ ޕޮއިންޓެއް ސާވޭ ކުރާނެއެވެ.
އެއަށްފަހު ފާސް ކުރުމަށް އެނބުރި ދަށު ގެއަށް ދާނެ،އެވެ.
މުޒާހަރާގެ ބައިވެރިން ބެރިކޭޑް ފޫއަޅުވާލައި ކޮންގްރެސްއާ ދިމާއަށް ދާން އުޅުމުން ފުލުހުންނާ ކުރިމަތިލުން ހިނގިއިރު، މުޒާހަރާގެ ބައިވެރިން ވަނީ ގާ އުކާފައެވެ.
އޮބްޒާވަރުންނާއި އިދިކޮޅު މަޖިލިސް މެންބަރުން ވިދާޅުވީ މުޒާހަރާގެ ތެރެއިން އަނިޔާވި އާންމުގެ ގިނަ ބަޔަކާއި މަޖިލިސް މެމްބަރުންނަށް ބޭސްފަރުވާ ދިން ކަމަށެވެ. އެއްވެ ތިބި މީހުންގެ ތެރެއިން އިދިކޮޅު ފަސް މެމްބަރަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ސެސިލިއާ މޮރެއޯ އޭއެފްޕީ ނިއުސް އެޖެންސީއަށް ވިދާޅުވި އެވެ.
އަދި މަދުވެގެން 20 ފުލުހަކަށް ވެސް އަނިޔާވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. ސަލާމަތީ ބާރުތަކުން ބުނީ 15 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސާލިއިރު، ރިޕޯޓްތައް ބުނާ ގޮތުގައި އެމީހުން ވަނީ ދެ އުޅަނދެއްގައި އަލިފާން ރޯކޮށްލާފައެވެ. އޭގެ ތެރޭގައި ނިއުސް އޯގަނައިޒޭޝަނެއްގެ އުޅަނދު ވެސް ހިމެނެ އެވެ.