

ޖާސޫސް ކުރުމުގެ ދައުވާއެއްގައި ރަޝިޔާގައި އަހަރަކަށް ވުރެ ގިނަ ދުވަހު ޖަލަށްލާފައިވާ އެމެރިކާގެ ނޫސްވެރިޔާ އިވާން ގެރްޝްކޯވިޗްގެ ޝަރީއަތް ކުރިއަށް ގެންދާނީ ޔޫރަލް ފަރުބަދަތަކުގެ ސިޓީއެއް ކަމަށްވާ ޔެކަޓެރިންބާގުގައި ކަމަށް ކަމާބެހޭ ފަރާތްތަކުން ބުރާސްފަތި ދުވަހު ބުނެފިއެވެ.
ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓަރުގެ ދައުވާ ފައިނަލްކޮށް އޭނާގެ މައްސަލަ މޮސްކޯގެ އިރުމަތީގައި ގާތްގަނޑަކަށް 1،400 ކިލޯމީޓަރު (870 މޭލު) ދުރުގައި އޮންނަ އެ ސިޓީގެ ސްވެޑްލޮވްސްކީ ރީޖަނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ރަޝިޔާގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ގެރްޝްކޮވިޗްގެ މައްޗަށް ތުހުމަތު ކުރަނީ އަސްކަރީ އާލާތްތައް އުފައްދައި މަރާމާތުކުރާ ސްވަޑްލޮވްސްކް ސަރަހައްދުގެ ފެސިލިޓީއެއް ކަމަށްވާ އުރަލްވަގޮންޒާވޯޑާ ބެހޭ ގޮތުން ސީއައިއޭގެ އަމުރަށް "ސިއްރު މައުލޫމާތު އެއްކުރި" ކަމުގެ ތުހުމަތެވެ.
އެ ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް އޮފިޝަލުން ނުދެއްވަ އެވެ. ޝަރީއަތް ފެށޭނީ ކޮން އިރަކު ކަމެއް އަދި ހާމައެއް ނުކުރެއެވެ.
ގެރްޝްކޯވިޗް ބަންދުކޮށްފައި ވަނީ 2023 ވަނަ އަހަރުގެ މާޗް މަހު ޔެކަޓެރިންބާގަށް ރިޕޯޓިން ދަތުރެއްގައި އުޅެނިކޮށް އެމެރިކާއަށް ޖާސޫސު ކުރުމުގެ ތުހުމަތުގަ އެވެ. ރިޕޯޓަރާއި އޭނާ ވަޒީފާ އަދާކުރާ ފަރާތާއި އެމެރިކާ ސަރުކާރުން އެ ތުހުމަތުތައް ދޮގުކޮށް، ވޮޝިންޓަނުން އޭނާ ކަނޑައަޅާފައި ވަނީ ގޯސްކޮށް ބަންދުކޮށްފައިވާ މީހެއްގެ ގޮތުގަ އެވެ.
ފެޑެރަލް ސެކިއުރިޓީ ސާވިސް ނުވަތަ އެފްއެސްބީން އޭރު ތުހުމަތު ކުރި ގޮތުގައި އޭނާ އަމަލު ކުރަމުން ދިޔައީ އެމެރިކާގެ އަމުރުތަކަށް ދައުލަތުގެ ސިއްރުތައް އެއްކުރުމުގެ މަސައްކަތެވެ.