ސްވިޑަންގައި ހައްޔަރުކޮށްފައިވާ އިރާނުގެ ނޫރީ / އޭޕީ
ދުނިޔެ
ސްވިޑަންއާ އީރާނުން ގައިދީން ބަދަލުކޮށްފި
Azzama
އައްޒާމާ
16 ޖޫން 2024

ސްވިޑަންއާ އީރާނުން ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުން ވަނީ ސްވިޑަންގައި ހަނގުރާމައިގެ ޖަރީމާގެ ކުށް ސާބިތުވެފައިވާ އީރާނުގެ މީހަކު މިނިވަންކޮށްފައެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ހާމިދު ނޫރީ އެނބުރި ތެހެރާނަށް އައިސްފައިވާއިރު، ސްވިޑެންގެ ޑިޕްލޮމެޓު ޖޯހަން ފްލޮޑެރަސް އަދި ޑައުއަލް ނޭޝަނަލް ސައީދު އަޒީޒީ ވަނީ ހޮނިހިރު ދުވަހުގެ ހަވީރު ފަހުކޮޅު އަނބުރާ ސްޓޮކްހޯމްއަށް އައިސްފައެވެ.

ނޫރީ އަކީ 2019 ވަނަ އަހަރު ސްވިޑެންގައި ހައްޔަރުކޮށް، މީގެ ތިރީސް އަހަރަށް ވުރެ ގިނަ ދުވަސް ކުރިން އީރާނުގައި ސިޔާސީ ގައިދީން ގިނަ އަދަދަކަށް މަރާލުމުގައި ބައިވެރިވި ކަމަށް ސާބިތުވެފައިވާ މީހެކެވެ.

ފްލޮޑެރަސް މީގެ ދެ އަހަރު ކުރިން އީރާނުގައި ޖާސޫސު ކުރުމުގެ ތުހުމަތުގައި ބަންދުކޮށްފައިވާއިރު، މިދިޔަ ނޮވެމްބަރު މަހު އަޒީޒީ ހައްޔަރުކޮށް ފަސް އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ.

ނޫރީގެ މައްޗަށް ސާބިތުވި ފަހުން ސްވިޑެން އާއި އީރާނާ ދެމެދު އޮތް ގުޅުން ވަނީ ގޯސްވެފައެވެ.

މި ބަދަލުކުރުން އިއުލާން ކުރައްވަމުން ސްވިޑެންގެ ބޮޑުވަޒީރު އުލްފް ކްރިސްޓަސަން ވިދާޅުވީ އީރާނުން ވަނީ ފްލޮޑެރަސް އާއި އަޒީޒީ ވެސް "އީރާނުން ހައްޔަރުކޮށްފައި ވަނީ އީރާނުގެ ހާމިދު ނޫރީ ސްވިޑެންގެ ޖަލުން ދޫކޮށްލުމުގެ މަގުސަދުގައި" ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ "ހާމިދު ނޫރީގެ މައްޗަށް ސާބިތުވެފައިވަނީ 1980 ގެ އަހަރުތަކުގައި އީރާނުގައި ހިންގި ބޮޑެތި ކުށްތަކެއް" ކަމަށެވެ.

އީރާނުގެ ހައި ކައުންސިލް ފޯ ހިއުމަން ރައިޓްސްގެ ސެކްރެޓަރީ ކާޒެމް ޣަރީބާބާދީ ހޮނިހިރު ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ  ނޫރީ ސްވިޑެންގައި "ގަވާއިދާ ހިލާފަށް ބަންދުކޮށްފައި" ވި  ނަމަވެސް މިހާރު މިނިވަންވެފައިވާ ކަމަށެވެ.

ނޫރީގެ މައްޗަށް ހަނގުރާމައިގެ ޖަރީމާތަކާއި މަރުގެ ތުހުމަތު ކުރެވުނީ ސްވިޑެންގެ ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި 1988 ވަނަ އަހަރު  ކަރާޖްގެ ގޯހަރްދަޝްތު ޖަލުގައި ޑެޕިއުޓީ ޕްރޮސެކިއުޓަރުގެ އެހީތެރިއެއްގެ މަގާމު އަދާކުރި ދުވަސްވަރުއެވެ.

އޭނާއަކީ އެތައް ހާސް ގައިދީންނެއް މަރާލުމުގައި ބައިވެރިވި ކަމަށް ބުނެ ދައުވާ އުފުލި ފުރަތަމަ މީހާ އެވެ.

1988 ވަނަ އަހަރު އީރާނާއި އިރާގު ހަނގުރާމައިގެ ތެރޭގައި އިރާގުގެ ތާއީދު އޮންނަ ކަނާތުފިޔައިގެ އިދިކޮޅު ޖަމާއަތެއް ކަމަށްވާ މުޖާހިދުން ޚާލްގު (އެމްއީކޭ) އިން އީރާނަށް ހަމަލާދިނުމުން އީރާނުގެ އޭރުގެ ސުޕްރީމް ލީޑަރު އާޔަތުالله  ޚޮމޭނީ ވަނީ އެ ޖަމާއަތަށް ވަފާތެރި ނުވަތަ އެ ޖަމާއަތަށް ހަމްދަރުދީވާ ހުރިހާ ގައިދީން މަރާލުމަށް އަމުރެއް ނެރެފައެވެ.

އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ލަފާކުރާ ގޮތުގައި 1988 ވަނަ އަހަރުގެ ޖުލައި މަހާއި ސެޕްޓެމްބަރު މަހުގެ ތެރޭގައި ގޯހަރުދަޝްތު ޖަލު ހިމެނޭ ގޮތަށް އެކި ތަންތަނުގައި 2،800 އާއި 5،000 އާއި ދެމެދުގެ އަދަދަކަށް އަންހެނުންނާއި ފިރިހެނުން މަރާލާފައިވެއެވެ.

އުމުރުން 63 އަހަރުގެ ނޫރީ ހައްޔަރުކޮށްފައިވަނީ އީރާނުން އައި ފްލައިޓެއްގައި ސްޓޮކްހޯމް އެއާޕޯޓަށް ވަޑައިގެންނެވި ފަހުންނެވެ.  އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ދޮގުކުރި ނަމަވެސް އޭނާގެ މައްޗަށް ސާބިތުވީ "ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ ވަރަށް ބޮޑަށް ހިލާފުވުމާއި ގަތުލުކުރުމުގެ" ދައުވާ އެވެ.

އޭނާގެ މައްޗަށް ޝަރީއަތް ހިންގީ އެހެން ތަންތަނުގައި ހިނގާފައިވާ ބައިނަލްއަގްވާމީ ގާނޫނާ ހިލާފު ބޮޑެތި ޖަރީމާތަކުގެ މައްޗަށް ގައުމުތަކުން ދައުވާ ކުރުމުގެ ފުރުސަތު ލިބޭ ޔުނިވާސަލް ޖުރިސިޑިކްޝަންގެ އުސޫލުގެ ދަށުންނެވެ.

މީގެ ތެރޭގައި ހަނގުރާމައިގެ ޖަރީމާތަކާއި، ނަސްލު ނައްތާލުމާއި، އަނިޔާކުރުމާއި، އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތައް ހިމެނެއެވެ.

އުމުރުން 33 އަހަރުގެ ފްލޮޑެރަސް އަށް މަރުގެ އަދަބު ދިނީ ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ޖާސޫސް ކުރި ކަމުގެ ތުހުމަތުގައި 2022 ވަނަ އަހަރު އީރާނުން އޭނާ ހައްޔަރުކޮށް ކުށް ސާބިތު ވުމާ ގުޅިގެންނެވެ.

އުމުރުން 60 އަހަރުގެ އީރާނާއި ސްވިޑެންގެ ރައްޔިތެއް ކަމަށްވާ އަޒީޒީގެ މައްޗަށް ސާބިތުވީ "ގައުމީ ސަލާމަތާ ދެކޮޅަށް އެއްވެ އުޅުމުގެ" ކުށެވެ.

ގައިދީން ބަދަލުކުރުމުގެ މަޝްވަރާތަކުގައި އޮމާނުން އެހީތެރިވެދީފައިވާއިރު، މިދިޔަ ހަފްތާގައި ޔޫރަޕްގެ އިތުރު ރައްޔިތެއް ދޫކޮށްލުމުގައި ވެސް އޮމާނުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.  ފްރާންސްގެ ބޭންކަރު ލޫއީ އާނައުޑް މިނިވަންވީ އީރާނުގައި ދެ އަހަރު ވަންދެން ބަންދުކޮށްފައި އޮތުމަށްފަހުއެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved