މެއި މަހުގެ 15 ވަނަ ދުވަހުގެ ފަތިހު ސްޕެއިންގެ ކާޓަޖެނާގެ އައްސޭރިފަށުގައި މުދާ އުފުލާ ބޯޓު ބޯކުމް ޝެޑިއުލް ނުކޮށް މަޑުކުރުމާ ގުޅިގެން ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދުނެވެ. ފަލަސްތީނުގެ ދިދަތައް ހިފައިގެން ބަނދަރަށް އެއްވެ މުޒާހަރާގެ ބައިވެރިން ވަނީ އެ ބޯޓު އިސްރާއީލަށް ހަތިޔާރު އުފުލާ ކަމަށް ޝައްކު ކުރެވޭތީ އެ އުޅަނދު އިންސްޕެކްޓް ކުރުމަށް ގޮވާލާފައެވެ.
ޔޫރަޕިއަން ޕާލަމެންޓުގެ ވާތުފިޔައިގެ މެންބަރުން ސްޕެއިންގެ ރައީސް ޕެޑްރޯ ސަންޗޭޒްއަށް ސިޓީއެއް ފޮނުއްވައި ބޯޓު ޑޮކްކުރުން ހުއްޓުވުމަށް އިލްތިމާސްކުރެއްވުމުން ހާލަތު ވަރަށް އަވަހަށް ގޯސްވެގެން ދިޔައެވެ. އަދި އިސްރާއީލަށް ގެންދާ ހަތިޔާރު ބަރުކޮށްފައިވާ އުޅަނދަކަށް ހުއްދަ ދިނުމަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ތުހުމަތުގައި ތަހުގީގު ކުރަމުންދާ ގައުމަކަށް ހަތިޔާރު ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް އެ މީހުން ވަނީ އިންޒާރު ދީފައެވެ.
ސްޕެއިން ސަރުކާރުން ފިޔަވަޅު އެޅުމުގެ ކުރިން ބޯކުމް އިން ވަނީ ކުއްލިއަކަށް މަޑުކުރަން ރާވާފައި އޮތް ސްޓޮޕްއޯވާ ކެންސަލްކޮށް ސްލޮވީނިއާގެ ބަނދަރު ކަމަށްވާ ކޮޕާއާ ހަމައަށް ދަތުރުކޮށްފަ އެވެ. މި ނިންމުމަކީ އުޅަނދުގައި ހުރީ އިސްރާއީލަށް ފޮނުވާ ހަތިޔާރު ކަމަށް ބުނާ ބުނުންމަށް އިއުތިރާފުވުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. ސްޕެއިންގެ ސުމަރު ޕާޓީގެ ތަރުޖަމާނު އިނިގޯ އެރެޖޮން ސޯޝަލް މީޑިއާގައި ވިދާޅުވީ ބޯޓު ދިއުމުން އެމީހުންގެ ޝައްކުތައް ކަށަވަރުވެފައިވާ ކަމަށެވެ.
ސިޔާސީ އަދި އާންމު ހަލަބޮލިކަމުގެ ތެރޭގައި ބޯރކަމް މުދާ ބަރުކުރި ތަނެއް ފާހަގަ ނުކުރެވުނެވެ. އަލްޖަޒީރާއިން ހާމަ ކުރާ ގޮތުގައި އެ ނޫސް އިދާރާއަށް ލިބުނު ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެ ބޯޓުގައި އިންޑިއާގައި ލޯޑްކޮށްފައިވާ ގޮވާތަކެތި ހުރިއިރު، އެ ބޯޓު ދިޔައީ ޣައްޒާގެ ސަރަހައްދުން އެންމެ 30 ކިލޯމީޓަރު ދުރުގައި އޮންނަ އިސްރާއީލުގެ އަޝްދޮދު ބަނދަރަށް ދިއުމަށެވެ.
އިންޑިއާގެ ޗެންނާއީން އޭޕްރީލް މަހުގެ ދެވަނަ ދުވަހު ފުރައިގެން ގޮސް އެފްރިކާ ވަށައިގެން ދަތުރުކޮށްފައި ވަނީ އިސްރާއީލުން ކުރާ ހަނގުރާމައިގެ ބަދަލު ހިފުމުގެ ގޮތުން ޔަމަނުގެ ހޫތީން ރަތް ކަނޑުން ދަތުރުކުރާ އިސްރާއީލާއި ގުޅުންހުރި އުޅަނދުތަކަށް ދޭ ހަމަލާތަކުން ސަލާމަތްވުމަށެވެ.
ސޮލިޑަރިޓީ ނެޓްވޯކް އެގޭންސްޓް ދަ ޕެލެސްޓިނިއަން އޮކިއުޕޭޝަން (ރެސްކޯޕް) އިން ހޯދާފައިވާ އެ ލިޔެކިޔުންތަކުގައި ޝިޕްމަންޓްގައި ހުރި ތަކެތީގެ ތަފްސީލު ލިޔެފައިވެއެވެ. އޭގެ ތެރޭގައި 20 ޓަނު ރޮކެޓު އިންޖީން، 12.5 ޓަން ގޮވާތަކެތި ހަރުކޮށްފައިވާ ރޮކެޓު، 1.5 ޓަނުގެ ގޮވާތަކެތި، 740 ކިލޯގެ ޕްރޮޕަލެންޓް ހިމެނެއެވެ.
ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ސިއްރު މާއްދާތަކުގައި ކަމާބެހޭ ހުރިހާ ފަރާތްތަކަށް ސާފުކޮށް އަންގާފައި ވަނީ އައިއެމްއައި ސިސްޓަމްސް އާއި އިސްރާއީލުގެ ވާހަކަ ދެއްކުމުން ދުރުހެލިވުމަށެވެ. ޑިފެންސް ކުންފުންޏެއް ކަމަށްވާ އައިއެމްއައި ސިސްޓަމްސް އަކީ އިސްރާއީލުގެ އެންމެ ބޮޑު ހަތިޔާރު އުފައްދާ ކުންފުނި އެލްބިޓް ސިސްޓަމްސް އިން 2018 ވަނަ އަހަރު ގަނެފައިވާ ކުންފުންޏެކެވެ.
ސުވާލުތަކަށް ޖަވާބު ދެއްވަމުން ބޯޓު މެނޭޖްކުރާ ޖަރުމަނުގެ ކުންފުނި އެމްއެލްބީ މަންފްރެޑް ލައުޓަރޖަންގް ބެފްރަޗްޓަންގް އިން ވަނީ އިސްރާއީލަށް ދަތުރުކުރާ އެއްވެސް ހަތިޔާރެއް ލޯޑްކޮށްފައިވާ ކަން ދޮގުކޮށްފައެވެ. މިހެން ކަންތައް ދިމާވި ނަމަވެސް އިންޑިއާގެ އެހެން މުދާ އުފުލާ ބޯޓެއް ކަމަށްވާ މަރިއަން ޑަނިކާ މެއި މަހުގެ 21 ވަނަ ދުވަހު ކާޓާޖެނާ ބަނދަރަށް ވަނުމަށް އިންކާރު ކުރިއިރު، ޗެންނާއީން ވެސް އަންނަ އެ އުޅަނދު އިސްރާއީލުގެ ހައިފާ ބަނދަރަށް ދަތުރުކުރީ 27 ޓަނުގެ ގޮވާތަކެތި މުދާ ހިފައިގެންނެވެ. ސްޕެއިންގެ ފޮރިން މިނިސްޓަރު ހޯސޭ މެނުއަލް އަލްބަރޭސް ވަނީ ބޯޓަށް އެތެރެވުން މަނާކޮށްފައި ވަނީ އިސްރާއީލަށް ދަތުރުކުރާ އަސްކަރީ މުދާ އުފުލުމުގެ ސަބަބުން ކަމަށް ކަށަވަރުކޮށްދީފައެވެ.
މި ހާދިސާތަކުން އިންޑިއާއިން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމުގެ ފުޅާ އަދި ސިއްރު ޗޭނެއް ދައްކުވައިދޭއިރު، އިންޑިޔާއިން ދުނިޔެއަށް ދައްކުވައިދޭ މަންޒަރަކީ އެގައުމަކީ ކޯޅުންތައް ހައްލުކުރުމުގައި މަޝްވަރާއާއި ސުލްހައަށް ތާއީދުކުރާ ފަރާތެއްގެ ގޮތުގައިއެވެ.
އިންޑިއާގެ ހަތިޔާރު ބަދަލުކުރުމުގެ ހާމަކަން ކުޑަކަމުން މި ހަރަކާތްތައް ފާހަގަ ނުކުރެވި ކުރިއަށް ގެންދެވޭ ކަމަށް ތަހުލީލު ކުރާ ފަރާތްތަކުން ލަފާކުރެއެވެ. ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް (އެސްއައިޕީއާރުއައި - ސިޕްރީ)ގެ ރިސާޗަރެއް ކަމަށްވާ ޒައިން ހުސެއިން ފާހަގަކުރެއްވި ގޮތުގައި ޔަގީންކުރެވޭ މައުލޫމާތު އެކަށީގެންވާ ވަރަށް ނުލިބުމުން ޓްރާންސްފާތައް ކަށަވަރުކުރަން ދަތިވި ނަމަވެސް އަސްކަރީ ޓެކްނޮލޮޖީގައި އިންޑިއާ އާއި އިސްރާއީލާ ދެމެދު ހިނގަމުންދާ އެއްބާރުލުން ފާހަގަކުރެއްވިއެވެ.
މި ތުހުމަތު އިންޑިޔާއާ ދެކޮޅަށް އުފުލިފައިވާ އިރު އިސްރާއީލުން ޣައްޒާއަށް ދިން ބޮމުގެ ހަމަލާއަކާ ގުޅިގެން ޤުދުސް ނިއުސް ނެޓްވޯކުން އާންމުކުރި ވީޑިއޯ ފޫޓޭޖެއްގައި "މޭޑް އިން އިންޑިއާ" ލިޔެފައިވާ މިސައިލެއް ވަނީ ފެނިފައެވެ.
ސިޕްރީގެ ހުސައިން ފާހަގަކުރެއްވި ގޮތުގައި އިންޑިއާ އާއި އިސްރާއީލާ ދެމެދު ވަކިން ހާއްސަކޮށް މިސައިލް އުފެއްދުމުގައި ގުޅިގެން މަސައްކަތް ކުރުން ވަރަށް ރަނގަޅަށް ޑޮކިއުމެންޓް ކުރެވިފައިވެއެވެ. އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޕްރިމިއާ އެކްސްޕްލޯސިވްސް ލިމިޓެޑުން ބަރާކް ސަރފޭސް ޓު އެއާ މިސައިލްތަކަށް ބޭނުންވާ ބައިތައް އުފައްދަމުން އަންނައިރު، އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު ވަނީ ޣައްޒާގެ ހަމަނުޖެހުންތަކުގެ ތެރޭގައި އިސްރާއީލަށް އެކްސްޕޯޓްކުރިކަމަށް އެއްބަސްވެފައެވެ.
އިސްރާއީލާއެކު އިންޑިއާގެ ޕާޓްނަޝިޕް ފުޅާވެފައިވަނީ މިސައިލް ކޮމްޕޯނެންޓްތަކުގެ އިތުރުން އިންސާނުންނާ ނުލައި ދުއްވާ ވައިގެ އުޅަނދުތައް (ޔޫއޭވީ) ނުވަތަ ޑްރޯން އުފެއްދުމަށެވެ. އެލްބިޓް ސިސްޓަމްސްއާއި އަދާނީ ޑިފެންސް އެންޑް އެއިރޮސްޕޭސް އިން 2018 ވަނަ އަހަރު ހައިދަރުއާބާދުގައި ހަރމީސް 900 ޔޫއޭވީ އުފެއްދުމުގެ ފެސިލިޓީއެއް އިފްތިތާހުކޮށްފައިވެއެވެ. ގިނައިރު އުދުހުމުގެ ގާބިލްކަން ލިބިފައިވާ މި ޑްރޯންގައި ގައިޑެޑް މިސައިލް ފޮނުވުމުގެ ގާބިލުކަން ލިބިފައިވެއެވެ. އެކްސްޕޯޓް ކުރި ޑްރޯންތަކަކީ ހަނގުރާމަވެރި ނޫން ރޯލުތަކެއް އަދާކުރާ ޑްރޯން ކަމަށް އަދާނީން ބުނި ނަމަވެސް، ޣައްޒާގެ ހަމަނުޖެހުމުގައި އެ ޑްރޯންތައް ބޭނުން ކުރެވިދާނެ ކަމުގެ ކަންބޮޑުވުން އެބައޮތެވެ.
އިސްރާއީލުން ޣައްޒާގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ޑްރޯން ފުޅާދާއިރާއެއްގައި ބޭނުންކުރުމުގެ ސަބަބުން އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ހިއުމަން ރައިޓްސް ވޮޗް ފަދަ ޖަމިއްޔާތަކާއި ޣައްޒާއިން އަންނަ ފޮޓޯ އަދި ވީޑިއޯއިން ފެނެއެވެ. ޣައްޒާގައި ބޭނުންކުރާ ހަރމީސް ޑްރޯންތައް ކޮންމެހެން އިންޑިއާއިން އައިސްފައި ނުވެދާނެ ކަމަށް ސިޕްރީގެ ހުސެއިން ފާހަގަކުރެއްވި ނަމަވެސް، އިންޑިއާއިން އުފައްދާ ޑްރޯންތައް މި ހަމަނުޖެހުމުގައި ބޭނުންކުރުމުގެ ފުރުސަތު ނައްތާނުލެވޭނެއެވެ.
1950 ވަނަ އަހަރު އިސްރާއީލަކީ ދައުލަތެއް ކަމަށް ބަލައިގަނެ، 1992 ވަނަ އަހަރު ރަސްމީ ޑިޕްލޮމެޓިކް ގުޅުންތައް ގާއިމްކުރި ފަހުން އިންޑިއާއިން ވަނީ އިސްރާއީލާއި ފަލަސްތީނާ ދެމެދު އޮންނަ ގުޅުން ބެލެންސް ކުރުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމުގެ ރިޕޯޓްތައް ލިބުމުން ދުނިޔޭގެ ހަމަނުޖެހުންތަކުގައި ނިއުޓްރަލް އެކްޓަރެއްގެ ގޮތުގައި އިންޑިއާ އޮންނަ ވާހަކައަށް ބުރޫއަރާނެ ކަމަށް ބެލެވެއެވެ.
އަލްޖަޒީރާއިން އިތުރަށް ބުނެފައިވަނީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް އަދި މިނިސްޓްރީ އޮފް ޑިފެންސްގެ ބަހެއް ހޯދުމަށް އެދުނު ނަމަވެސް އެއްވެސް ޖަވާބެއް ނުލިބޭކަމަށެވެ.