March 11, 2026
Advertisement
ޒެލެންސްކީ
ޒެލެންސްކީ / ގެޓީ އިމޭޖަސް

ދުރު ރާސްތާ މިސައިލް ބޭނުންވާކަމަށް ޔޫކްރޭނުގެ ރައީސް ވިދާޅުވެއްޖެ

Azzama
އައްޒާމާ
Jul 1, 2024, 12:42 AM

މިސައިލް ހަމަލާއެއްގައި ދެ ކުޑަކުދިން ހިމެނޭ ގޮތަށް ހަތް މީހަކު މަރުވުމުން ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ އިތުރު ދުރު ރާސްތާ ހަތިޔާރާއި ވައިގެ ދިފާއީ ވަސީލަތްތައް ހޯދުމަށް އެދި އާދޭސް ކުރައްވައިފިއެވެ.

Advertisement

އިރުދެކުނު ސިޓީއެއް ކަމަށްވާ ޒަޕޮރިޒްޒިއާ ކައިރީގައި އޮންނަ ވިލްނިއަންސްކް ޓައުން އަށް ރަޝިޔާއިން ދިން ހަމަލާގައި ވެސް އިތުރު 31 މީހަކު ޒަޚަމްވެފައިވާ ކަމަށް ޔޫކްރޭންގެ އޮފިޝަލުން ބުނެއެވެ.

މުޅި ޔޫކްރޭންގައި ހޮނިހިރު ދުވަހު ރަޝިޔާއިން ދިން މިސައިލް ހަމަލާތަކުގައި އާންމުންގެ 11 މީހުން މަރުވެ އިތުރު 37 މީހުން ޒަޚަމްވެފައިވާ ކަމަށް ރޮއިޓާސް އިން ބުނެއެވެ.

"ރަޝިޔާގެ މިފަދަ ހަމަލާތަކުގެ ސަބަބުން އަޅުގަނޑުމެންގެ ސިޓީތަކާއި މުޖުތަމައުތަކަށް ކޮންމެ ދުވަހަކު ވެސް ގެއްލުން ލިބޭ" ޓެލެގްރާމްގައި ޒެލެންސްކީ ލިޔުއްވާފައިވެއެވެ.

އެކަމަކު އޭނާ އިތުރަށް ވިދާޅުވީ "މިކަމުން އަރައިގަނެވޭނެ ގޮތްތައް" ހުރި ކަމަށާއި އޭގެ ތެރޭގައި "ރަޝިޔާގެ މިސައިލް ލޯންޗުތައް ނައްތާލުމާއި، ހަގީގީ ދުރު ރާސްތާގެ ގާބިލްކަމާއެކު ހަމަލާދިނުމާއި، ޒަމާނީ ވައިގެ ދިފާއީ ނިޒާމުތަކުގެ އަދަދު އިތުރުކުރުން" ހިމެނޭ ކަމަށެވެ.

ވިލްނިއަންސްކްގެ ފޮޓޯތަކުން ދުން އަރަމުންދާ އިމާރާތެއްގެ ކައިރީގައި ހުރި ބޮޑު ވަޅުގަނޑެއްގެ އިތުރުން ބިންމަތީގައި ބެހެއްޓިފައިވާ ބައެއް ހަށިގަނޑުތައް ވެސް ފެނެއެވެ.

ޔޫކްރޭންގެ ޕްރޮސިކިއުޓާ ޖެނެރަލް އަންޑްރީ ކޮސްޓިން ވިދާޅުވީ ދެ މިސައިލެއް އެތަނަށް ޖެހި، އިންފްރާސްޓްރަކްޗާ އާއި ފިހާރައަކާއި މީހުން ދިރިއުޅޭ އިމާރާތްތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

މި ހަމަލާއާ ގުޅޭ ގޮތުން ރަޝިޔާގެ ޑިފެންސް މިނިސްޓްރީން އާންމުކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved