ޣައްޒާގެ ޚާން ޔޫނިސްގެ އިރުމަތީގައި އޮންނަ ޑިސްޓްރިކްޓްތަކުން ފަލަސްތީނުގެ ރައްޔިތުން ވަނީ އިސްރާއީލުން ހަމަލާ ދޭން ފެށުމާއި، އެ ސަރަހައްދު ދޫކޮށް ދިއުމަށް އިންޒާރު ދިނުމުން އެ ތަން ދޫކޮށް ދާންފަށާފައެވެ.
ރޭގަނޑާއި ހެނދުނާ ހަމައަށް ވެސް މަންޒަރު ދުށް މީހުން ރިޕޯޓްކޮށްފައި ވަނީ ޚާން ޔޫނިސް އާއި ވަށައިގެން އިސްރާއީލުން އެތައް ހަމަލާއެއް ދީފައިވާ ކަމަށެވެ. އެ ހަމަލާތަކުގައި އަށް މީހަކު ޝަހީދުވެ 30 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.
އެ ސަރަހައްދުގައި ހުރި ހޮސްޕިޓަލުގައި ތިބި ބަލިމީހުންނާއި މުވައްޒަފުންނަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ އެތަން ދޫކޮށް ދިއުމަށް އަންގާފައެވެ.
ރެޑްކްރޮސް އިން ވަނީ ބަލިމީހުން އެހެން ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަރުހަލާގައި އެހީތެރިވެދީފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު ރެފިއުޖީންނާ ބެހޭ އދގެ އެޖެންސީ (އުންރްވާ)ގެ އޮފިޝަލެއް ކަމަށްވާ ލުއީސް ވޯޓާއިޖް ވަނީ އަނެއްކާވެސް ގެދޮރު ދޫކޮށް ދާން މަޖުބޫރުވުމުން މީހުން ދާނީ ކޮންތަނަކަށްތޯ ސުވާލު ކުރައްވާފައެވެ.
އިސްރާއީލް ޑިފެންސް ފޯސަސް (އައިޑީއެފް) އިން ޣައްޒާގައި އެންމެ ފަހުން ހިންގި އޮޕަރޭޝަނާ ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި ހޯމަ ދުވަހު ބުނެފައިވަނީ ޚާން ޔޫނިސް ސަރަހައްދުން އިސްރާއީލާ ދިމާއަށް 20 ވަރަކަށް ޕްރޮޖެކްޓައިލް ފޮނުވާލި ކަމަށާއި ހަމަލާތަކަކީ އެ ކަމުގެ ރައްދު ދިނުމެއް ކަމަށެވެ.
ފަލަސްތީނުގެ ޖިހާދުލް އިސްލާމީ ޖަމާއަތުން ވަނީ އިސްރާއީލަށް ދިން ހަމަލާތަކުގެ ޒިންމާ ނަގާފައެވެ.