ރަޝިޔާގެ ޑިފެންސް މިނިސްޓްރީން އަންގާރަ ދުވަހު ބުނެފައިވަނީ ޔޫކްރޭންގެ މެދުތެރޭގެ އެއާފީލްޑަކަށް މިސައިލް ހަމަލާ ދިނުމުން ޔޫކްރޭންގެ ހަނގުރާމަ މަތީ 7 ޖެޓް ހަލާކުވެ ގެއްލުން ލިބިފައިވާ ކަމަށެވެ.
"ރަޝިޔާ ސިފައިންގެ ހަމަލާގެ ނަތީޖާއެއްގެ ގޮތުން އެކްޓިވް ފަސް އެސްޔޫ-27 މަލްޓި ޕާޕަސް ފަޔަރ ޖެޓް ނައްތާލައި މަރާމާތު ކުރަމުންދިޔަ ދެ ޖެޓު ހަލާކުކޮށްލައިފިން" ޓެލެގްރާމްގައި އަސްކަރިއްޔާއިން ބުނެފައިވެއެވެ.
މި ހަމަލާ ދައްކުވައިދޭ ވީޑިއޯއެއް ވެސް ރަޝިޔާ އަސްކަރިއްޔާއިން ވަނީ އާންމުކޮށްފައެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނީ ޔޫކްރޭންގެ ޕޮލްޓާވާ ސަރަހައްދުގައި އޮންނަ މައިރޯޑް އެއާފީލްޑަށް ހަމަލާދީފައިވާ ކަމަށެވެ.
ޔޫކްރޭންގެ ވައިގެ ސިފައިންގެ ކުރީގެ ސްޕީކަރު ޔޫރީ އިހްނާތު ވަނީ މިރްހޮރޯޑް އަށް ހަމަލާދިންކަން ކަށަވަރުކޮށްދެއްވި ނަމަވެސް ރަޝިޔާގެ އަސްކަރިއްޔާއިން ލިބުނު ގެއްލުމުގެ މިންވަރު މާބޮޑަށް ބޮޑުކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
"ގެއްލުންތަކެއް އެބަހުރި، އެކަމަކު އެއްގޮތަކަށް ވެސް ދުޝްމަނުން ބުނާ ފަދައިން ނޫން ސަބަބަކީ އެމީހުން އަބަދުވެސް މިކަން ކުރަނީ މިގޮތަށް ބޮޑުކޮށްގެން،" އިހުނާތު ފޭސްބުކްގައި ލިޔެފައިވެ އެވެ.
ރޮއިޓާސް އަށް މައުލޫމާތު ދެއްވަމުން އިހުނާތު ވިދާޅުވީ ރަޝިޔާގެ ރިކޮނައިސަންސް ޑްރޯންތަކުން މިރްހޮރޯޑް އަށް ހަމަލާދިނުމުގައި އެހީތެރިވެދީ "ވަރަށް ބޮޑު ނުރައްކަލެއް" ގެނައުމަށް އެހީތެރިވެދީފައިވާ ކަމަށެވެ.
“އެއީ އުދުހިގެން ގޮސް ހުރިހާ ކަމެއް ރިއަލް ޓައިމްގައި ރިޕޯޓް ކުރާ އެއްޗެއް، ދެން އިސްކަންދަރު މިސައިލް އަންނަނީ ދެތިން މިނެޓެއްގެ ތެރޭގައި. އެއީ ފާހަގަ ކުރެވޭ ކަމެއް،” އޭނާއާ ހަވާލާދީ ބުނެފައިވެ އެވެ.
ޔޫކްރޭންގެ އެއާފީލްޑަކަށް ރަޝިޔާއިން ހަމަލާދޭކަން އިއުލާން ކުރީ ކިއެވް އިން އެމެރިކާގައި އުފައްދާފައިވާ އެފް-16 ޖެޓްތަކުގެ ފުރަތަމަ ބެޗްތައް ޔޫރަޕުން ލިބުމަށް ތައްޔާރުވަމުން ދަނިކޮށެވެ. ހުޅަނގުގެ ހަނގުރާމަ މަތިންދާބޯޓުތައް ނައްތާލާނެ ކަމުގެ އިންޒާރު މޮސްކޯއިން ވަނީ ދީފައެވެ.