
ރައީސް ޑރ. މުހައްމަދު މުއިއްޒު މީޑިޔާއާ ބައްދަލުކުރައްވާ ގައުމުގެ ޙާލަތު ބަޔާންކޮށްދިނުމަށް ގޮވާލައިފިއެވެ.
މިފަދައިން ގޮވާލާފައިވަނީ ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި މަލީހު ވިދާޅުވެފައިވަނީ، ރައީސް މުއިއްޒު މީޑިއާއަށް ފިއްލަވައިގެން އުޅުއްވާތާ އެތައް ދުވަހެއް ވެއްޖެ ކަމަށާ ލަސް ނުކުރައްވާ މީޑިޔާއާ ބައްދަލުކުރައްވާ ޤައުމު ހާލަތު ވިދާޅުވެ ދެއްވަން ޖެހޭ ކަމަށެވެ. އަދި ވެރިކަން ކުރެވޭނީ ވަރަށް ކެރިވަޑައިގެން ހަގީގަތާ ކުރިމަތިލައިގެން ކަމަށާ ފިނޑިއަކަށް ވެގެން ވެރިކަން ނުކުރެވޭނެ ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
ރައީސް މުއިއްޒު މީޑިޔާއާ ބައްދަލުނުކުރާތާ އެތައް ދުވަހެއްވެފައިވާކަން މަލީހު ފާހަގަކުރެއްވިއިރު ރައީސް މުއިއްޒުއަކީ ވަރަށް ހާމަކަން ބޮޑުކޮށް ސަރުކާރު ހިންގަވާނެ ކަމަށް ވިދާޅުވި ވެރިއެއްކަން ފާހަގަކޮށްލެވެއެވެ.
ނަމަވެސް މި ސަރުކާރުގައި އެންމެ ކުޑަ މިނުން ސިޔާސީ މުވައްޒަފުންގެ އަދަދު ހޯދުންވަނީ ނޫސްވެރިންނަށް ތަކްލީފަކަށްވެފައެވެ. މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނަށް ރައީސް އޮފިހުން ބޯނުލަނބާތީ އެ އޮފީހާ މެދު ފިޔަވަޅު އެޅުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވެސް ވަނީ ނިންމާފައެވެ.










