

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ދައުރުގެ ފަހުކޮޅު އެއްވެސް އުސޫލެއް ނެތި ބަހާލި ފްލެޓްތަކުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތުތައް ހޯދުމަށް ހައުސިން މިނިސްޓްރީގެ އިސްވެރިން މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރުކުރުމަށް މިއަދު ނިންމައިފިއެވެ.
މިގޮތަށް ކޮމިޓީގެ އިއްތިފާގުން ނިންމީ އެ ސްކީމްގެ ދަށުން ފްލެޓު ނުލިބޭ ކަމަށް ކަނޑައަޅާފައިވާ ބައެއްގެ ފަރާތުން ހުށަހަޅާފައިވާ ޕެޓިޝަނެއްގެ ދިރާސާއަށެވެ.
މިދިޔަ 19 ވަނަ މަޖިލީހުން ވެސް ވަނީ އެ ޕެޓިޝަންގެ ދިރާސާއަށް ހައުސިން މިނިސްޓްރީގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށްފައިވެއެވެ.
އެ ކޮމިޓީގެ މުގައްރިރު ގައްދޫ ދާއިރާގެ މެމްބަރު މުހައްމަދު އަލީ ވިދާޅުވީ ހައުސިން މިނިސްޓްރީގެ ވެރިން ހާޒިރުކުރަނީ މައްސަލަ މިހާރު ގޮސްފައިވާ ހިސާބެއް ބެލުމަށެވެ.
އެއަށް ފަހު މިނިސްޓްރީން ދޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް އޭސީސީ ހާޒިރުކުރާނެކަމަށެވެ.
ވާލުކުރުމުގެ ކަންކަމުގައި ގޯސްތަކެއް ހަދާފައިވާކަމަށް ބުނެ، އޭސީސީއަށް ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށް ފަހު، އެ ކޮމިޝަނުޖން ނިންމީ އޭރު ދޫކުރި 4000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ.
ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓު ކަމަށާއި، އަދި ޝަރުތު ފުރިހަމަވީީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 ޕަސެންޓު ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.
19 ވަނަ މަޖިލީހުން ޕެޓިޝަން ކޮމިޓީއަށް ލިބިފައިވާ ޕެޓިޝަންތައް ދިރާސާކުރުން pic.twitter.com/RCBDcYx9d5
— People's Majlis (@mvpeoplesmajlis) July 9, 2024