March 19, 2026
Advertisement
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް / ރައްޔިތުންގެ މަޖިލިސް

އެމްޑީޕީގެ ވެރިކަމުގައި އައްޑޫއަށް އަޅާނުލާ ތިބުމަށް ފަހު އައްޑޫގެ ކަރަންޓާ ގުޅިގެން ކުއްލި މައްސަލައެއް ހުށަހަޅައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jul 24, 2024, 05:13 PM
މާލެ ސިޓީ

އައްޑޫގެ ސިޓީއިން އެކި ގަޑިތަކުގައި ކަރަންޓު ކަނޑަމުން ގެންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަަޅައިފިއެވެ.

Advertisement

މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލުއެވެ.

ނާޒިލް ހުށަހެޅުއްވި މައްސަލާގައި ވިދާޅުވީ އައްޑޫގެ ރައްޔިތުންނަށް އެންމެ އަސާސީ މިންވަރަށް ވެސް ކަރަންޓުގެ ހިދުމަތް ލިބެމުން ނުދާ ކަމަށެވެ. އެއީ ސަރުކާރުން އައްޑުއަށް ވާ އިހުމާލެއް ކަމަށް ވެސް ކުއްލި މައްސަލާގައި އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ކަރަންޓުގެ ހިދުމަތް އެންމެ އަސާސީ ފެންވަރަށް ފޯރުކޮށްދިނުމަށް ވެސް ސަރުކާރުން ނުކުޅެދިފައި ވާތީ، ތަކުރާރުކޮށް، ނިވިދިއްލޭ ބޮތްކެއް ހެން އެ ރަށްތަކުގެ ކަރަންޓު ކެނޑެމުންދާތީ ރައްޔިތުންނަށް އޭގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހި ރަށުގެ ސްކޫލްތަކުންނާއި އޮފީސްތަކުންނާއި ފިހާރަތަކުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް ނުދެވޭ

ނާޒިލް

ނާޒިލު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަލައިގަތެވެ. އެ މައްސަލަ ބަލައިގަތީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.

އެ މައްސަލަ ބަލައިގަނެ މަޖިލީހުގައި ކުރި ބަހުސްގެ ފުރަތަމަ ފުރުސަތުގައި ނާޒިލު ވިދާޅުވީ އައްޑޫގެ ކަރަންޓުގެ ހިދުމަތަށް އެހާ ބޮޑަށް ބުރޫ އަރަން ދިމާވި އެއް ސަބަބަކީ ފެނަކައިގެ މާލޭ އޮފީހުގައި ތިބި އިސް ބޭފުޅުންގެ އިހުމާލުވުން ކަމަށެވެ. އެގޮތުން އޭނާ ތުހުމަތުކުރެއްވި ގޮތުގައި އައްޑޫގެ ކަރަންޓްގެ ހިދުމަތް ރަނގަޅަށް ދޭން ބޭނުންވާ ސްޕެއާޕާޓްސް ގަވައިދުން ނުފޮނުވާތާ ހަތް މަސް ދުވަސް ވެއްޖެ އެވެ.

އޭނާ ވިދާޅުވީ އައްޑޫގެ ފެނުގެ ހިދުމަތަށް ވެސް މިދިޔަ މަހު ހަމަ އެފަދަ މައްސަލަތައް ދިމާވި ކަމަށެވެ.

މީގެ އިތުުރުން އައްޑޫ ސިޓީގައި "ނިވިދިއްލޭ ބޮތްކެއް" ފަދައިން ކަރަންޓު ކެނޑެމުންދާތީ އެކަމުގެ އުނދަގޫތައް ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށް އެ ކުއްލި މައްސަލައިގައި ނާޒިލް ފާހަގަކުރައްވާފައިވެއެވެ. އަދި، މި ސަރުކާރަށް ހަ މަސްވީއިރު ވެސް އެކަން ހައްލުކުރުމަށް މާ ބޮޑު މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި އެ ކަމުގައި ސަރުކާރުގެ އިހުމާލު އެބައޮތް ކަމަށް ނާޒިލް ވިދާޅުވެފައިވެއެވެ.

އެ ގޮތުން، މިހާރު އައްޑޫ ރައްޔިތުން ތިބީ ފަލަސްތީނު ރައްޔިތުން ތިބި ހާލަތުގައި ކަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved