
އައްޑޫ ސިޓީގައި ޑެންގީ ހުން ފެތުރެމުންދާތީ އެ ސިޓީގެ ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
އައްޑު އިކޮޓޯރިއަލް ހޮސްޕިޓަލުން ނެރުނު އެންގުމެއްގައި ވަނީ ޑެންގީ ހުން ފެތުރެމުންދާ މިންވަރު އިތުރުވަމުންދާތީ ޑެންގީ ހުން ފަތުރާ މަދިރީގެ ކިބައިން ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ.
ޑެންގީ ވައިރަސް ފެތުރެނީ ޑެންގީ ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށްފަހު، އެ މަދިރި ގޮސް އަނެކާގެ ގައިގައި ހެފުމުންނެވެ.
ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި ފެން ހަރުލާ ތަކެތި ގޯތި ތެރެއަށާއި މަގުމައްޗަށް އުކާނުލައި އެ ފަދަ ތަކެތި ނައްތާލައި، މަދިރިން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމައް ސަމާލުކަމެއް ދޭންޖެހެއެވެ. މަދިރި ލޯޝަނާއި ސްޕްރޭ އަދި މޮސްކިޓޯ ރެޕަލެންޓު ބޭނުންކުރެވިދާނެއެވެ. މީގެ އިތުރުން މަދިރި އެންމެ ގިނަވާ ގަޑިތައް ކަމުގައިވާ، ހެނދުނު އިރު އަރާ ގަޑިއާއި އަދި ހަވީރު އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން މުހިއްމެވެ.
ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާއި، ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ލޮލުގައި ރިއްސުމާއި، ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.










