
އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި، ރައްޔިތުންގެ ސާބިތުކަމާއި ހިތްވަރަކީ މުޅި ރާއްޖެއަށް ދެއްކި މަތިވެރި ނަމޫނާއެއް ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެެވެ.
އައްބާސް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އައްބާސް ވަނީ، ސަރުކާރަށް ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ނާކާމިޔާބުވުމުންވެސް ސަރުކާރުން ބަލި ގަބޫލުނުކޮށް ތަފާސް ވާހަކަ ދައްކަަވަމުން ދަނިކޮށް ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން އައްބާސް ވަނީ، ރައީސް މުހައްމަދު މުއިއްޒުގެ މުޅި ސަރުކާރާއި ވަޒީރުންނާއި އިސްވެރިންވެސް ހިމެނޭހެން ބޮޑެތި ވަފްދުތައް، މަސް ދުވަސްވަރު ވަންދެން ހިތަދޫގައި ބަނޑަހަ ޖަހައިގެން ތިއްބެވިކަން ފާހަގަކުރައްވާ އެހެން ނަމަވެސް ކުރެވުނީ ކޮންކަމެއްތޯ، ސުވާލު އުފައްދަވާފައެވެ.
އައްބާސް ތުހުމަތުކުރެއްވި ގޮތުގައި، ރިޗަވްތުގެ ގޮތުގައި ޕީއެންސީއިން ފައިސާވެސް އިންތިހާބާ ދިމާކޮް ބަހާފައިވެއެވެ. އެގޮތުން ކަޅު ފައިސާގެ ދަބަސްތައް ހުސްކޮށް، ވަޒީފާތައް އޮއްސާލީ ހިތަދޫ ރައްޔިތުންގެ ނަފުސު ގަނެވޭނެކަމަށްތޯ އައްސަވާ އައްބާސް ވަނީ މިއަދު ފެނިގެން ދިޔައީ ރައީސް މުއިއްޒަށް ވަރަށް ހިތްދަތި މަންޒަރެއް ކަމަށް ވެސް ވިދާޅުވެފައެވެ.
ހިތަދޫ އިތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާއަށް ނަޒަރު ހިންގަވާ ލައްވާ އައްބާސް ވަނީ، އެ ނަތީޖާއިން ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދެއް ނެތްކަން ހާމަވާ ކަމަށާއި، މިއީ ސަރުކާރުން ހިންގަމުންދާ ނުފޫޒު ފޯރުވުމުގެ އަމަލުތަކަށް ރައްޔިތުން ދިން ވަރުގަދަ ޖަވާބެއްގެ ގޮތުގައި ވެސް ސިފަކުރައްވާފައެވެ.
އައްބާސް އިތުރަށް ވިދާޅުވީ އައްޑޫ ރައްޔިތުންގެ ސާބިތުކަމާއި ހިތްވަރަކީ މުޅި ރާއްޖެއަށް ދެއްކި މަތިވެރި ނަމޫނާއެއް ކަމަށެވެ. އަދި ރިޝްވަތުގެ ހުތުރު ފައިސާގެ ދަޅަޔަށް އައްޑޫ ރައްޔިތުން ނުހެއްލޭނެ ކަމާއި، ވަޒީފާގެ ބިރުދެއްކުމަކުން އެ ރައްޔިތުން ކުޑަކަކޫ ނުޖަހާނެކަން ވެސް ވޯޓުގެ ނަތީޖާއިން ސާބިތުކޮށްދީފިކަން އޭނާ ފާހަގަކުރެއްވިއެވެ.
އައްބާސް ވަނީ އައްޑޫ ރައްޔިތުން ދެއްކެވި ސާބިތުކަމަށްޓަކައި އެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.










