March 21, 2026
Advertisement
އައްޑޫ ސިޓީގައި ހަވާ އެރުވުން ކެންސަލް ކުރީ އެމްއެންޑީއެފަށް ސިޔާސީ ނުފޫޒުފޯރުވައިގެން ކަމަށް ތުހުމަތުކޮށްފި
އައްޑޫ ސިޓީގައި ހަވާ އެރުވުން ކެންސަލް ކުރީ އެމްއެންޑީއެފަށް ސިޔާސީ ނުފޫޒުފޯރުވައިގެން ކަމަށް ތުހުމަތުކޮށްފި / މިހާރު

އައްޑޫ ސިޓީގައި ހަވާ އެރުވުން ކެންސަލް ކުރީ އެމްއެންޑީއެފަށް ސިޔާސީ ނުފޫޒުފޯރުވައިގެން ކަމަށް ތުހުމަތުކޮށްފި

Mar 21, 2026, 04:59 PM
އައްޑޫ ސިޓީ

ފިތުރު އީދުގެ އުފަލާއެކު އައްޑޫ ސިޓީގައި އަރުވަން އޮތް ހަވާ، އެންމެ ފަހު ވަގުތު ކެންސަލް ކުރީ ޕީއެންސީގެ ސަރުކާރުން އެމްއެންޑީއެފަށް ސިޔާސީ ނުފޫޒުފޯރުވައިގެން ކަމަށް އައްޑޫ ސިޓީ ކައުންސިލުން ތުހުމަތުކޮށްފިއެވެ.

Advertisement

އައްޑޫ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އައްޑޫ ސިޓީގެ ހިތަދޫ ސެންޓްރަލް ޕާކު ހުޅުވުމުގެ ރަސްމިއްޔާތު އީދު ދުވަހު ބޭއްވުމަށް ނިންމީ، އީދުގެ ފޯރި ގަދަކޮށް، ކުޑަކުދިންނަށް އުފާވެރި މާހައުލެއްގައި އީދު ފާހަގަކުރުމުގެ ފުރުސަތު ދިނުމުގެ މަގުސަދުގައި ކަމަށެވެ.

އިވެންޓު ދުރާލާ ރާވައި ހަވާ އެރުވުމަށް ނިންމައި، ހަވާ އެރުވުމުގެ މަސައްކަތް ގައުމީ ދިފާއީ ބާރުގެ ވިޔަފާރި ކުންފުނި ސިފްކޯއާ ހަވާލުކޮށް އެ މަސައްކަތަށް ކައުންސިލުން މީގެ 2 ދުވަސްކުރިން ފައިސާ ދައްކައި، އެތަނުގައި ހަވާ އެރުވުމަށް ބޭނުންވާ ބަޑިބޭހާއި އެހެނިހެން ސާމާނު ގެނެސް، ތައްޔާރީތައް ވުމަށްފަހު އިވެންޓު ފެށުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް އިތުރު މުއާމަލާތެއް ކައުންސިލާ ނުހިންގައި، އީމެއިލްގެ ޒަރިއްޔާއިން، ޓެކްނިކަލް މައްސަލައެއް ދިމާވެގެން ހަވާ އެރުވެން ނެތަކަމަށް ބުނެ ސިފްކޯއިން އެއްބަސްވުމާ ހިލާފަށް އެތަނުން ތަކެތި ނަގައިގެން ގޮސްފައިވަނީ ސިޔާސީ ނުފޫޒެއްގެ ތެރެއިން ލިބިފައިވާ ބޭއިންސާފު އަމުރެއްގެ ދަށުން ކައުންސިލްގެ އަގުވައްޓާލުމަށް ކަމަށް ކައުންސިލުން ދެކޭ ކަމަށްވެސް ބަޔާނުގައިވެއެވެ.

އެހެންކަމުން އެމްއެންޑީއެފް ފަދަ ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ހިދުމަތް ފޯރުކޮށްދޭންޖެހޭ މުއައްސަސާއަކުން މިފަދަ އަމަލެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ. އަދި ސިފްކޯއިން އަމަލުކުރި ބޭއިންސާފު ގޮތް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހަވާ އެރުވުން އޮންނާނެކަން ކުރިއާލާ ކައުންސިލުން އިއުލާނުކޮށްފައިވުމުން ގިނަ ބަޔަކު ހަވާ އަރުވާ މަންޒަރު ބަލަން ނުކުތެވެ. އޭގެ ތެރޭގައި ކުޑަ ކުދިންވެސް ހިމެނޭއިރު ހަވާ ކެންސަލްކުރުމުން އެކުދިންނަށް ލިބުނު މާޔޫސްކަމުގެ ވާހަކަ ބައެއް ބެލެނިވެރިން މީސް މީޑިޔާގައި ހިއްސާވެސް ކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved