April 24, 2026
Advertisement
ފްރޮންޓް އޮފީސް ޖަލްސާ ތެރެއިން
ފްރޮންޓް އޮފީސް ޖަލްސާ ތެރެއިން / ތޭރަ އޮންލައިން

ޕީޕީއެމް ޕީއެންސީ ފިކުރު އޮތީ ތަޣައްޔަރުވެ ނިމިފައި: މަލީހް

Aminath Zara
އައިމިނަތު ޒާރާ
Aug 23, 2024, 05:25 AM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ބުރަ މަސައްކަތުން ދިރުވާ އާލާކުރި ޕީޕީއެމް/ޕީއެންސީ ފިކުރު މިހާރު އޮތީ ތަޣައްޔަރުވެ ނިމިފައި ކަމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން މަލީހް ވިދާޅުވީ މި ފިކުރު ނެތިކޮށްލުމަށް އެންމެ ބޮޑަށް މަސައްކަތްކުރަމުން ދިޔައީ ކުރިން ވެރިކަން ކުރަމުން ދިޔަ އެމް.ޑީ.ޕީ އިން ކަމަށެވެ.

މިގޮތުން، ނުޙައްގު، ހަރާމް ހުކުމެއްގައި ފާއިތުވި 05 އަހަރު އެމަނިކުފާނު ޖަލުގައި ބޭއްވުމަކީ އެކަން އެންމެ ބޮޑަށް ހާމަވާ އެއްކަން ކަމަށް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިއަދާއި ހަމައަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް އަށްވެސް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރެއްވިއެވެ. މިގޮތުން، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަކީ ރާއްޖޭގެ ފައިވް ސްޓަރ ރިޒޯޓެއްގެ ފެންވަރަށް ގެންނަން މަސައްކަތް ކުރެއްވި ކަމަށް ޝަމީމް ވިދާޅުވުމުން ޝަމީމް ރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރުމަށް ކުރެއްވީ ކޮންކަމެއްތޯ މަލީހް ވަނީ ސުވާލު އުފައްދަވާފައެވެ.

ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާ ނުހައްގު ދައުވާއެއް 05 އަހަރު ދަންމާލާ ސެލެކްޓިވްކޮށް ޝަރީއަތް ގެންދެވި ކަމަށް މަލީހް ތުހުމަތު ކުރެއްވިއެވެ.

މިއާއިއެކު، އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަމުން ދިޔައީ ރާއްޖޭގައި އުފެދޭ ގައުމީ، ވަޠަނީ ބޭފުޅުން އެކަހެރި ކުރެއްވުމަށް ކަމަށްވެސް މަލީހްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީނަކީ ގައުމަށް އަދި ރައްޔިތުންނަށް ވަފާތެރި ހެޔޮއެދޭ ހަމައެކަނި ފަރާތް ކަމަށް ފާހަގަކޮށް، އެމަނިކުފާނު ސިޔާސީ ދާއިރާއިން އެކަހެރި ނުކޮށްލެވޭނެ ކަމަށް މަލީހް ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved