އަދަދު ނޫހުން ޝާއިއުކުރި “ބައިލައްކަ” ޑޮކިއުމެންޓްރީ އާއި ގުޅިގެން ސަރުކާރުން ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅޭނެހެން ފިޔަވަޅު އަޅަމުންދާތީ އެކަމަށް ރައީސް ޔާމީން އަބްދުލްގައްޔޫމް ފާޑުވިދާޅުވެޖެއެވެ.
ހޯމަ ދުވަހުގެ ރޭ އޮތް ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ވާހަކަތަކަކީ ތޯތޯ ވާހަކަތަކެއް ނޫން ކަމަށާއި ބައިލައްކަ ރުފިޔާ ލިބިވަޑައިނުގަންނަވާ ބޭފުޅުން އެ ވާހަކަ މިހާރުވެސް ދައްކަމުން ގެންދާ ކަމަށެވެ.
ރައްޔިތުންނަށް ޚިދުމަތްކުރަން ހޮވާފައި ތިބި މެންބަރުން މިފަދަ ކޮރަޕްޝަންތަކަށް ހެއްލި މަޖިލީހަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުވާލާ ފަސާދަކޮށްފި ކަމަށް ޔާމީން ސިފަކުރެއްވިއެވެ.
މީގެ އިތުރުން، މެންބަރުން ނުގަނެ މުއިއްޒުއަށް ވެރިކަމުގައި ނުހުރެވޭނެ ކަމަށާއި މުއިއްޒުއަކީ ރައްޔިތުން ބަލައިގަންނަ ވެރިއެއް ނޫން ކަމަށްވެސް ޔާމީން ފާހަގަކުރެއްވިއެވެ.
މި ބައިލައްކަ ރުފިޔާ ނުލިބޭ މެންބަރުންނޭ މި ވާހަކަ ދައްކަނީ. އެ ބޭފުޅުންނޭ މި ލާރި ނުލިބިގެން ތުންދަމާފަ މި ތިބެނީ. މުއިއްޒުއަށް ދޮގު ނުކުރެވޭނެ މިކަމެއް.
ރާއްޖޭގެ އިގްތިސާދު މިހާ ހީނަރުވެފައިވާ ދަނޑިވަޅެއްގައި ބައިލައްކައަށް ވުރެ ގިނަ ރުފިޔާ ކޮންމެ މަހަކު ބަހަމުންދާތީ އެ ލާރި މުއިއްޒު ހޯދާ ގޮތާއި ގުޅޭ ގޮތުންވެސް އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.
ކޮރަޕްޝަނާއި، އިންސާފު ގާއިމުކުރުމަށް ބޮޑު ހުވައެއް ކޮށްގެން ހުރެ އެއްވެސް ބިރެއްނެތި އެ ހުވަ އާއި މުއިއްޒު ދަނީ ޚިލާފުވަމުންނެވެ.