

ދުވަސްވަރަކީ ސަރުކާރުގެ އެކި އެކި ދިމާލުގައި ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް އަމާޒުވަމުންދާ ދުވަސްވަރެއްކަމަށް ވުމުން އެކަމާ ރައީސް އޮފީހުން ތަރުޖަމާނު ހީނާ ވަލީދު ޖަވާބުދާރީވާން ޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، މިހާރު ރައްޔިތުން ތިބީ ނުހަނު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށާ އެގޮތުން ސަރުކާރުން އެ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވަމުންދާކަމުގެ ވާހަކަތއް އަޑުއިވި އެ ރައްޔިތުން ތިބީ ވާނުވާ ނޭނގިފައިކަމަށެވެ.
އެގޮތުން ސަރުކާރުގެ އެކި އެކި ވެރިންނަށް އާމްދަނީއާ ނުބައްދަލު މުއްސަނދިކަން ލިބިފައިވާ ވާހަކަ ފެންމަތިވެފައިވާ ކަމަށާ މިހުރިހާ ކަމަކީ ޕްރޮސެކިއުޓަރ ޖެނެރަލް އިސްވެ ފުލުހުންނަށް އަންގަވައިގެންވެސް ތަހުގީގުކުރަން ޖެހޭ ފަދަ ކަންކަން ކަމަށާ އަދި މިފަދަ ބޮޑެތި އިލްޒާމުތަކާ ތުހުމަތުތައް ވެރިންނަށް އަމާޒުވަމުންދާއިރު މިކަމުގައި ރައީސް އޮފީހުން ތަރުޖަމާނު ހީނާ ވަލީދު ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ޕީޖީއަށް ގާނޫން ލާޒިމުކުރޭ އިސްވެ މި ފަދަ މައްސަލަތައް ފުލުހުންނަށް ހުށަހަޅާ ތަހުގީގުކުރުވަން. އެބަ ބުންނަ ޖެހޭ ކަލޭމެން ކީއްވެހޭ ނިދަން ތިތިބީ. ކީއްވެހޭ މިކަންކަން ތަހުގީގުނުކުރަނީ. ތަހުގީގުކުރާށޭ އަންގަވަން ޖެހޭނެ. ނޫސްތަކުގެ ފަލަ ސުރުހީތަކުން ސަރުކާރުގެ ވެރިންނާ ގުޅުވާ ދައްކަމުންދާ ކޮރަޕްޝަންގެ ވާހަކަތަކަށް ރައީސް އޮފީހުން ތަރުޖަމާނު ހީނާ ވަލީދު ކޮންމެވެސް ޖަވާބެއް ދެއްވަން ޖެހޭ
ރައީސް ޔާމީން ވަނީ ގައުމުގެ ބޮޑުންގެ ތެރޭގައި ކޮރަޕްޝަންގެ މޫލާފައިވާ ކަމަށާ ނަމަވެސް އެކަންކަން ބެލުމަށް ސަރުކާރު ނުކުޅެދިފައިވާކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، ރައީސް މުއިއްޒުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ތިއްބެވީ ކޮރަޕްޝަންގެ ހުތުރު އަމަލުން ފަސްބައި ކިލަނބުވެފައި ތިބި ބޭފުޅުން ނަމަވެސް ރައީސް މުއިއްޒަށް އެކަންކަން ބައްލަވަން ކެރިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ކިތަންމެ ގާނޫނެއް ހެދިފައި ހުރި ނަމަވެސް ކިތަންމެ ގިނަ ތަހުގީގީ އިދާރާތައް ހުރި ނަމަވެސް އެބޭފުޅުންގެ މައްސަލަ ނުހިނގާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ނަމަވެސް ގައުމު ހިންގަން ތިބި އިސް މީހުންނާ ބޭހޭގޮތުން އެވަރުގެ ތުހުމަތުތައް އަބަދު އަބަދު އެނބުރޭ ކަމަށް ވަންޏ އެބޭފުޅުން އެކަންކަމުން ބަރީއަ ކުރަން ރައްޔިތުން ވެސް ބޭނުންވާނެ ކަމަށާ ބަރީއަ ކުރެވޭނީ ތަހުގީގުކޮށްގެން ކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.