

އިމިގްރޭޝަނުން ގަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ އޮޕަރޭޝަން ދަށުން ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް އުޅެމުން ދިޔަ އިތުރު ބިދޭސީންތަކެއް އަތުލައިގެންފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
މިގޮތުން، އިމިގްރޭޝަނުން ރޭ ހާމަކޮށްފައިވާ ގޮތުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ ހުޅުމާލޭގެ 10 ތަނެއް ބަލައި ފާސްކޮށް، ނުވަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ވިދާޅުވި ގޮތުގައި ރާޢްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލު ހޯދުމަށްޓަކައި މަސައްކަތް ކުރަމުން އަންނައިރު ޤަވާއިދާ ޚިލާފަށް އުޅުނު 4000 އަށްވުރެ ގިނަ ބިދޭސީން އިމިގްރޭޝަނުން ވަނީ ޑީޕޯޓްކޮށްލާފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 17ވަނަ ދުވަހާއި ހަމައަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 4054 ބިދޭސީން ވަނީ އަނބުރާ އެ މީހެއްގެ ޤައުމަށް ފޮނުވާލާފައެވެ.