April 24, 2026
Advertisement
މުހައްމަދު މަލީހު ޖަމާލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
މުހައްމަދު މަލީހު ޖަމާލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ރައީސް ޔާމީންގެ ހުކުމް އިއްވުމުގެ އަޑުއެހުން ލަސްވާ ސަބަބު ހާމަކުރަން މަލީހް ގޮވަލައިފި

Aishath Naja
އައިޝަތު ނަޖާ
Feb 1, 2024, 08:33 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލް ނުކުރެވި ލަސްވަނީ ކީއްވެގެންތޯ އައްސަވާ، ލަސްވާ ސަބަބު ހާމަކުރެއްވުމަށް،އެމަނިކުފާނު އަލަށް އުފައްދަވާ ސިޔާސީ ޕާޓީ (ޕީޕަލްސް ނޭޝަނަލް ފްރޮންޓް) ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހް ޖަމާލް ގޮވާލައިފިއެވެ.

Advertisement

މަލީހް މިފަދައިން ސުވާލު ކުރައްވާފައިވަނީ އޭނާގެ އެކްސް ހޭންޑަލްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މަލީހް ވިދާޅުވީ، ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލް ނުކުރެވެންޏާ އެމަނިކުފާނު ޖަލުން މިނިވަންކުރެވެން ޖެހޭނެކަމަށެވެ.

ރައީސް ޔާމީންގެ މައްޗައް ވ.އާރަށު މައްސަލައިގައި ކުރީ ސަރުކާރުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ކުރުމަށްޓަކައި އެމަނިކުފާނުގެ ފަރާތްޕުޅުންވަނީ ހައި ކޯޓަށް ހުށަހަޅާފައެވެ. ހައި ކޯޓްގައި އިސްތިއުނާފްގެ އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ފަނޑިޔާރުންގެ ބެންޗުން އެދުވަހުގެ އަޑުއެހުން ނިންމާލާފައިވަނީ ހުކުމް އިއްވުމުގެ އަޑުއެހުން އޮންނާނެ ދުވަހެއް ތާވަލްކުރެވިގެންދާނެކަމަށް ބުނުމަށްފަހުއެވެ.

ނަމަވެސް މިހާތަނަށް މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލް ނުކުރެވި 2 މަސް ވަނީ ފާއިތުވެފައެވެ. މިކަމާ ކަންބޮޑުވުންފާޅުކޮށް އެމަނިކުފާނުގެ ދޮށީ ދަރިކަލުން ޒެއިން، އަދި އެމަނިކުފާނުގެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ދިވެހިރާއްޖޭގެ ހައި ކޯޓަށް ވަޑައިގެންފައެވެ. ރައީސް ޔާމީންގެ މައްސަލައިގެ އަޑުއެހުން ތާވަލް ކުރެވޭނީ ކޮންދުވަހަކުންތޯ އެބޭފުޅުން ސުވާލު އުފެއްދުމުން ހައި ކޯޓުން ވަނީ ނާއުންމީދީ ޖަވާބެއް ދެއްވާފައެވެ. އެގޮތުން ހައިކޯޓްގެ މީޑިޔާ އޮފިޝަލް އަމީން ވިދާޅުވީ އެ މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލް ކުރަން އަދި ލަސްނުވާކަމަށެވެ.

ނަމަވެސް ދިވެހިރާއްޖޭގެ އެތައް ރައްޔިތުންގެ މަސްލަހަތު އޭގައި އެކުލެވޭ މައްސަލައެއް ހައި ކޯޓުން ލަސް ކުރަމުންދާތީ ގިނަ ބަޔަކު އަންނަނީ ޝަރުޢީ ނިޒާމަށް ފާޑު އަމާޒުކުރައްވަމުންނެވެ.

މި ސަރުކާރުން ވެރިކަމަށް އައީ ރައީސް ޔާމީން މިނިވަން ކުރައްވާނެކަމަށް ވައުދުވެޑައިގަތުމަށްފަހުއެވެ. އެހެންނަމަވެސް ވައުދާ ޚިލާފުވެފައިވާއިރު އެމަނިކުފާނު މިނިވަންކުރެއްވުމަށްޓަކައި ނުވަތަ އެމަނިކުފާނަށް އިންސާފް ގާއިމްކޮށްދެއްވުމުގައި ވެސް ސަރުކާރުގެ ފަރާތުން މަސައްކަތް ނުކުރެއްވުމުން ގިނަ ފަރާތްތަކުގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved