ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ އަޤްޤާބާގައި ސަހްޔޫނީންގެ ސިފައިން ހިންގި އޮޕަރޭޝަނެއްގައި އެކަކު ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ފަލަސްތީނުގެ އުމުރުން 25 އަހަރުގެ އަދަމް ޒައިދު އިއްޒަތު މަސްރީ ނަމަކަށް ކިޔާ އެ މީހާގެ ހަށިގަނޑު އަދިވެސް ސަހްޔޫނީންގެ ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
އަޤްޤާބާ އޮންނަނީ ފަލަސްޠީނުގެ ހުޅަނގު އުތުރުގައި އޮންނަ ތޫބާސްގެ ގަވަރުނަރޭޓްގެ އުތުރުގައެވެ.
ފަލަސްތީނުގެ ނޫސް އެޖެންސީ ވަފާއިން ބުނީ އަޤްޤާބާގައި ހުންނަ ގެއެއް ސިފައިން ވަށާލައި އެމީހާ ޝަހީދުކޮށްލައިފައިވާ ކަމަށާއި، އަދި ފަލަސްތީނުގެ 50 އަހަރުގެ މީހަކަށް ހަމަލާދީ ޒަހަމްވެ ހާލު ސީރިއަސްވެގެން ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އަދި 49 އަހަރުގެ އިތުރު މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް އެ އެޖެންސީން ބުނެއެވެ.