އެފްޑީސީގެ ފްލެޓެއް. / ސޯޝަލް މީޑިއާ
ހަބަރު
60 އިން ސައްތަ މީހުންނަށް ފްލެޓަށް ޕޮއިންޓް ދީފައިވަނީ އޮޅުވާލުމުގެ ތެރެއިން: އޭސީސީ
Mariyam Isaadha
މަރިޔަމް އިސާދާ
05 ފެބްރުއަރީ 2024
ހުޅުމާލެ ފޭސް 2

ނިމިދިޔަ ސަރުކާރުން ދޫކުރި 4000 ފްލެޓްގެ ލިސްޓަށް ޕޮއިންޓް ދީފައިވަނީ މަކަރާ އޮޅުވާލުމުގެ ތެރެއިން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހާމަކަޮށްފިއެވެ.

ނިމިދިޔަ ސަރުކާރުން ދޫކުރި 4000 ފްލެޓް ހަވާލު ކުރުން އޭސީސީން ހުއްޓުވާ ދެތީން މަސް ދުވަހަށް ދިގު ދެމިގެން ދިޔަ ތަހުގީގަށް ފަހު މައްސަލަ ނިންމާލާފައިވާއިރު އޭސީސީގެ ތަހުގީގަށް ފާހަގަ ކުރެވުނު ކަންކަން ހާމަ ކުރުމަށް ހޯމަ ދުވަހު ވަނީ ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވާފައެވެ.

އޭސީސީއިން ހާމަކުރިގޮތުގައި ނިމިދިޔަ ސަރުކާރުން ދޫކުރި ގެދޮރުވެރިޔާ ސްކީމްގެ ފްލެޓާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގުގައި ވަނީ 4048 ފޯމް ބަލާފައެވެ.

އޭގެ ތެރޭގައި ޝަރުތު ފުރިހަމަވެ އެއްވެސް މައްސަލައެއް ފާހަގަ ނުކުރެވޭ 20.7 ޕަސެންޓް ފޯމް ހިމެނޭއިރު، 59.6 އިން ސައްތަ ފޯމަކީ ޝަރުތު ފުރިހަމަ ނުވާ ފޯމްތައް ކަމަށް އޭސީސީން ބުނެއެވެ.

ހަމައެއާއެކު 4048 ފޯމްގެ ތެރެއިން 19.7 ޕަސެންޓް ފޯމަކީ ޝަރުތު ހަމަވި ނަމަވެސް މައްސަލަ ހުރި ފޯމްތައް ކަމަށް އޭސީސީން ބުނެއެވެ. ފްލެޓް ދިން ލިސްޓުގައި ޝަރުތު ހަމަވުމާއެކު އެއްވެސް މައްސަލައެއް ނެތީ 20.7 ޕަސެންޓް ކަމަށް ވެސް އޭސީސީއިން ހާމަކޮށްފައިވެއެވެ.



ޝަރުތު ހަމަނުވިޔަސް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅުމަށް ކުރީ ސަރުކާރުން ހަދާފައިވާ ގޯސްތައް އޭސީސީ އިން މިއަދު ވަނީ ތަފްސީލުކޮށް ކިޔައިދީފަ އެވެ.  

  •  މާލޭގައި 15 އަހަރު އުޅެފައިވާކަން ކަށަވަރު ކޮށްފައެއް ނުވޭ

  •  ގޭގެ ވެރިފަރާތުން ނުވަތަ ރަށު ކައުންސިލަކުން ދީފައިވާ ލިޔުމަކަށް އެކަނި ބުރަދަން ދީފައިވޭ

  •  ސޯޝަލް ހައުސިން ޔުނިޓް ލިބިފައިވާ މީހުން ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވޭ

  •  މަހަކު 60،000 އަށްވުރެ އާމްދަނީ އިތުރު މީހުންނަށް ފްލެޓް ދީފައިވޭ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމުގެ އުސޫލުގެ 3 ވަނަ ނަންބަރުގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުން ފްލެޓް ލިބޭނީ މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރުވެފައިވާ ފަރާތެއް ކަމުގައި ވުން ނުވަތަ މާލޭގައި މެދުނުކެނޑި 15 އަހަރު އުޅެފައިވާ ފަރާތްތަކަށެވެ.

އޭސީސީ އިން ބުނީ 15 އަހަރު މާލޭގައި އުޅެފައިވާކަން ގެދޮރުވެރިޔާ ޕޯޓަލްއާ އިންޓެގްރޭޓް ކޮށްފައިވާ ދައުލަތުގެ ޑޭޓާ ބޭސްތަކުގައިވާ މައުލޫމާތުން އެނގެން އޮންނައިރު، ފޯމާއެކު ހުށަހަޅާފައިވާ މައުލޫމާތުތަކަށް އެކަނި ބުރަދަން ދީފައިވާ ކަމަށެވެ.

އޭގެ އެއް މިސާލެއްގެ ގޮތުގައި އޭސީސީ އިން ބުނެފައި ވަނީ 2007 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރު މާލޭގައި އުޅެފައިވާ މީހެއްކަން ސާބިތު ކުރަން ގޭގެ ވެރިފަރާތެއް ލިޔުމެއް މީހަކު ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ޕެންޝަން އޮފީހުގެ ޑޭޓާބޭސް އިން، އެމީހާ 2011 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރު ރަށެއްގެ ކައުންސިލްގައި މަސައްކަތް ކޮށްފައިވާކަން އެނގޭއިރު، ޕްލޭނިން މިނިސްޓްރީން އެކަމަށް ރިއާޔަތް ނުކޮށް އެމީހާ ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން ވެސް ޕޮއިންޓް ދިނުމުގައި ވެސް މައުލޫމާތު ޔަގީންކޮށްފައި ނުވާ ހާލަތްތައް ފާހަގަވެފައިވާ ކަމަސް ވެސް އެސީސީން ބުނެއެވެ. އެގޮތުން 18 އަހަރުން ދަށުގެ ދަރިއަކު ނެތް މީހުން، އެމީހުންގެ މައުލޫމާތު ޑިއެންއާރް އިން ބެލި ކަމުގައި ވިޔަސް 18 އަހަރުން ދަށުގެ ދަރިއަކު ނެތް ނަމަވެސް ދަރިން ތިބުމުން ލިބޭ ޕޮއިންޓް ދީފައިވާ ކަމަށް އެސީސީން ބުނެއެވެ.

މި ޕްރެސް ކޮންފަރެންސް ގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ފްލެޓް ލިބިފައިވާ މީހުންނާއި އެގްރިމަންޓް ހަދައި ލިޔުން ދީފައިވާ މީހުންނާ މެދު ކަން ކުރާނެ ގޮތް ކަނޑައަޅާނީ ހައުސިން މިނިސްޓްރީން ކަމަށެވެ. އެއީ އޭސީސީގެ މެންޑޭޓްގެ ތެރޭގައި އޮތް ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved