

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުލެޓުތައް އިތުރު ފަރާތަކަށް ކުއްޔަށް ދޭނަމަ އެތަން އަތުލާނެކަމުގެ އިންޒާރު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދީފި އެވެ.
އެ ކުންފުނިން މިފަދަ އިންޒާރެއް ދީ ބަޔާނެއް ނެރެފައި މިވަނީ ގެދޮރުވެރިޔާ ފުލެޓުތައް ހަވާލުކުރަން ފެށުމާއެކު ފުލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދޭން އިއުލާންކޮށްފައިވާ ކަމުގެ ޕޯސްޓްތަކެއް ދައުރުވުމާއި ގުޅިގެންނެވެ.
އެގޮތުން، ގެދޮރުވެރިޔާ ފުލެޓެއް މަހަކު 25،000ރ. އަށް ކުއްޔަށް ދޭން ފޮޓޯ އާއެކު ޖަހާފައިވާ އިޝްތިހާރެއް ސޯޝަލް މީޑިއާގައި ރޭއްސުރެ އަންނަނީ ދައުރުވަމުންނެވެ.
އެފްޑީސީ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޭ ފުލެޓުތައް ކުއްޔަށް ދިނުމަކީ އެ ފުލެޓުތައް ލިބޭ ފަރާތްތަކާއެކު އެ ކުންފުނިން ހަދާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ. ފްލެޓު ކުއްޔަށް ދޫކުރާ ނަމަ ފުލެޓު އަތުލުމުގެ ބާރު އެފްޑީސީ އަށް އޮންނާނެ އެވެ.
އެއްބަސްވުމާ ހިލާފަށް ފުލެޓު ކުއްޔަށް ދޭ ނަމަ، ފުލެޓު ކުއްޔަށް ދޭ ފަރާތްތައް ހޯދާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެ ފަރާތްތަކާއި އެކު ހެދިފައިވާ އެއްބަސްވުން ބާތިލްކޮށް ފުލެޓު އަތުލެވޭނެ ވާހަކަ ދަންނަވަން،
ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4000 މީހުންނަށް ފްލެޓު ލިބެ އެވެ. އޭގެތެރޭގައި ހިމެނެނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ފުލެޓު ތަކެވެ.
ސޯޝަލް ހައުސިންގގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުން އެތަންތަން ބޮޑު އަގުގައި ކުއްޔަށް ދިނުމަކީ އާންމުކަމަކަށް މިހާރުވަނީ ވެފައެވެ.
ނަމަވެސް މިފަދަ ކަންކަމަށް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އަދަބު ދެވޭތަނެއް ނުފެނެއެވެ.