

ރައީސް މުއިއްޒު އާއި މި ވެރިކަމުގެ އިސްކޮށް ތިބި މީހުންނަކީ "ބިން ފޭރޭ" ބައެއްގެ ގޮތުގައި, ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ސިފަކުރައްވައިފި އެވެ.
މޮސްޓަރ މިފަދަ ގޮތަށް ރައީސް މުއިއްޒު ސިފަކުރެއްވީ ޕީއެންއެފް އިން މިފަހުން ބޭއްވި ޖަލްސާގައި ބައިވެރިވަޑައިގެން ދެއްކެވި ވާހަކައިގަ އެވެ.
މޮސްޓަރ ވިދާޅުވީ އާއްމު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވިސްނުމެއް ނެތި ސަރުކާރުން މަސައްކަތް ކުރަނީ އިސް މީހުންނަށް ފައިދާ ވާ ގޮތަށް ކަަމަށާއި ސަރުކާރުގެ ތެރޭގައި މިފަދަ އެތައް ކޮރަޕްޝަނެއް އޮތް ކަމަށް މޮސްޓާ ވިދާޅުވި އެވެ.
މި މީހުންނަކަށް ނޭނގޭ ދެން މަގުމަތިވާނީ ކަމެއް މި ފަސް އަހަރަށް ފަހު. އެހެންވީމަ ބާޒު އުސޫލުން ނޮޅާ ކާލަނީ. އިނގޭ ވެރިމީހާވެސް އެއީ އެކަހަލަ މީހެއްކަން. އެހެންވީމަ ކުރީ ޒަމާނު ރަސްކަމެއް ހެން ބިން ފޭރެނީ. ބިން ފޭރޭ ރަސްކަމެއް މިއޮތީ. ފުރަތަމަ މިކަމުން އާއްމުން ސަލާމަތް ކުރަންވީ. ރަސްގެފާނުގެ ބޭނުމަށް ބިން ނަގާ އުސޫލަށް އެބަދޭ. އޭގެ ކުރިން މިކަން ނިންމަން ޖެހޭ އެބަ.
މޮސްޓާ ވިދާޅުވީ މި ސަރުކާރުގެ ވަޒީރުން ފެންވަރުގެ މަގާމްތަކާއި ސަރުކާރުގެ ކުންފުނިތަކުގެ އެމްޑީންގެ މަގާމަކީ ވިއްކާފައިވާ މަގާމެއް ކަމަށެވެ. އެ މަގާމްތައް ދިނީ ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް ކެމްޕެއިން ދަތުރުތަކުގައި އުޅުނު ބޭފުޅުންނަށާއި އަރިހުގައި އެކި ފެންވަރުގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދަށް ވެސް މަގާމެއް ދޭން ޖެހުނީ ކުރިން ރައީސް މުއިއްޒުގެ އަރިހުގައި ގާތްކޮށް ފަޒުލް މަސައްކަތްކުރުމުން ކަމަށް މޮސްޓާ ވިދާޅުވި އެވެ.
ގޯތިތަކުގެ މައްސަލައިގެ އިތުރުން އެޗްޑީސީގައި ހުންނަވާ، މަގާމުގެ ބޭނުންކޮށްގެން އިތުރު ހިޔާނާތްތަކެއް ހިންގި ކަމަށާއި ވިޔަފާރިވެރިންގެ އަތުން ފައިސާ ނަގައިގެން އަމިއްލަ ފައިދާއަށް މަސައްކަތް ކުރުމުގެ ތުހުމަތު ފަޒުލްއަށް ކުރެވެ އެވެ.
ފަޒުލް މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހު އޭނަ ސަސްޕެންޑްކޮށްފައި ވަނިކޮށް އެރެ އެވެ. އެޗްޑީސީގެ ބޯޑްގެ މެމްބަރުންގެ ތެރެއިން ޗެއާމަން ފިޔަވައި އެންމެން ސަސްޕެންޑްކޮށްފައިވާ އިރު، ކުންފުނިގެ އާ އެމްޑީއަކަށް އާދީއްތަ ދުވަހު ވަނީ މައުރޫފް ޖަމީލް އައްޔަންކޮށްފަ އެވެ.
ފަޒުލް މަގާމުން އިސްތިއުފާ ދެއްވީ "ބިންވެރިޔާ" ސްކީމްގެ ދަށުން އޭނަގެ ބޭބެ ފަޒީލް ރަޝީދަށް ހުޅުމާލެ އިން ގޯއްޗެއް ދިން މައްސަލަ ފެންމަތިވެ، އެކަން ތަހުގީގު ކުރަން ފެށި ހިސާބުންނެވެ. އެ މައްސަލައިގައި ކުންފުނީގެ 15 މުވައްޒަފަކު ވެސް ވަކިކޮށްފައިވާ އިރު، ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.