

ރައީސް މުހައްމަދު މުއިއްޒު ވައުދުވަނީ ރޭގަނޑު އަނބިމީހާއަށް ވައުދުވާހެން ކަމަށް ވިދާޅުވެ، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ސަރުކާރުގެ ވައުދު ފުއްދާ ގޮތާ މެދު ފާޑުވިދާޅުވެއްޖެއެވެ.
ޕީއެންއެފުން އިސް ނަގައިގެން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ވޭކް އަޕް ޖަލްސާގައި އާންމު ރައްޔިތެއްގެ ހައިސިއްޔަތުން ޝުއޫރު ފާޅުކުރައްވަމުން މޮސްޓާ ވިދާޅުވީ، ރައީސް މުއިއްޒުއާ މި ސަރުކާރު ގެންނަން މަސައްކަތްކުރެވުނީތީ ލަދުވެތިކަމާ އެކު ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.
މި ސަރުކާރުން ކުރާ ބައެއްކަންކަން ކުރަނީ ކޮން ނިޔަތެއްގައިކަން ސާފު ނުވާކަމަށެވެ. އެގޮތުން، ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ހާލުގައި ޖައްސައިފިކަމަށާއި އެތަކެތީގެ އަގު ބޮޑުކޮށް ވޭޕް މަނާކުރި ނަމަވެސް ކުރިން ލިބޭ އަގުގައި އަދިވެސް ލިބޭކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެއީ ކޮން ބޭނުމަކު ކުރިކަމެއްކަމެއް ސާފުނުވާކަމަށް އޭނާ ވިދާޅުވިއެވެ.
މޮސްޓާ ވިދާޅުވީ ވެރިކަމަށް އައިއިރު ޑޮލަރުގެ މައްސަލަ ހައްލުވާނެކަމަށް ބުނިނަމަވެސް، މައްޗަށް ނުދާނެކަމަށް ބުނި ޑޮލަރުގެ އަގު މިހާރު އުޅެނީ 20 ރުފިޔާއިން މަތީގައި ކަމަށެވެ.
ކުދި ވިޔަފާރިތައް ވެސް ފުނޑިގެން ގޮސްފިކަމަށާއި އޭގެ ސަބަބުން ރައްޔިތުންގެ ޖީބަށް ބަރުވެފައިވާކަމަށް މޮސްޓާ ވިދާޅުވިއެވެ.
މޮސްޓާ މި ސަރުކާރުގެ ވައުދުވުން ސިފަކުރެއްވީ ރޭގަނޑު ނިދަން އަރާ އަނބިމީހާގައިގައި ކޮއްޓާލާފައި ވައުދުވާ އުސޫލެވެ.
މޮސްޓާ ވިދާޅުވީ އެ ފަދަ ވައުދުތަކަކީ ފުއްދުން ލާޒިމް ނުވާ ފަދަ ވައުދުތަކަށް ކިޔާ އުޅޭ ވާހަކައެެކެވެ.
މޮސްޓާ ވިދާޅުވީ މި ސަރުކާރުގެ ވާހަކަ ދައްކަން ފަށާނެ ހިސާބުވެސް ނޭނގޭ ކަމަށެވެ.