

ރާއްޖޭގެ ޒަކާތު ފަންޑުން ދިން އެހީގައި ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދޭން ފަށައިފި އެވެ.
މީޑިއާ ތަކަށް މަޢުލޫމާތު ދެއްވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ގަތަރު ރެޑް ކްރެސެންޓުން ދަނީ ރާއްޖޭގެ ޒަކާތު ފަންޑުގެ އެހީތެރިކަމާއެކު ފަލަސްޠީންގެ މުސްލިމުންނަށް ފެން ކޭސް ފޯރުކޮށްދެމުން ކަމަށެވެ.
ގަތަރު ރެޑް ކްރެސެންޓުން ހާމަކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ބަންދުކޮށްފައިވާ 6،000 ކޭސް ފެން ފަލަސްޠީންގެ ރައްޔިތުންނަށް ވަނީ ފޯރުކޮށްދީފައެވެ. މި ތަކެތި ފޯރުކޮށްދީފައިވަނީ އަލް ޝިފާ އަދި އަލް ހަޔާތު ހޮސްޕިޓަލްގައި ތިބި ބަލިމީހުންނަށެވެ. ދިވެހިރާއްޖޭގެ ޒަކާތު ފަންޑުގެ އެހީގައި 60،000 ފަލަސްޠީންގެ މުސްލިމުންނަށް 50،000 ފެން ކޭސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޒަކާތު ހައުސްގެ ފަރާތުން ފޮނުވާ 100،000 ޑޮލަރު ހަރަދުކުރުމަށް ހަމަޖެހިފައި ވަނީ ގާޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށް ދިނުމަށް ގަތަރު ރެޑްކްރެސެންޓް ސޮސައިޓީން ކުރިއަށް ގެންދާ މަޝްރޫއުއަށެވެެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 7، އިން ފެށިގެން ގާޒާއަށް ސަހްޔޫނީން މެދުކެނޑުމެއްނެތި ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ 45,582 މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.