2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ފަތިހު ހޭލެވުނީ ނިދަން އޮއްވާ އެނދު ގުޑާ ކަމުގެ އިހުސާސްވެގެންނެވެ. ނަމަވެސް ހިވީ ހީވުމެއް ކަމަށް ބަލާ އަނެއްކާވެސް ރަޖާ ނަގާ ގައިގައި އޮޅާލައިގެން ނިދޭތޯ މަސައްކަތްކުރީމެވެ.
އެހެން އޮއްވާ ނިދީގެ ގަދަ ފަދަ މަސްތުގެ ތެރެއަށް ގެނބިގެން ދިޔައެވެ. ކުއްލި އަކަށް ހޭލެވުނީ މީހެއްގެ ހަޅޭކުގެ އަޑަށެވެ. ކަލޭނޭ މާލެއަށް ބޮޑު ރާޅު އަރައިފިޔޭ ކަލޭމެންގެ ސަލާމަތް ކަލޭމެން ހޯދާށޭ ކިޔާ އެމީހާ އަޑުގެ ކޮޅަށް ގޮވަމުން ދިޔައެވެ.
ދެލޯ ފޮހެލަމުން ނިދި މޫނަކާ އެކު ގޭގެ ސިޓީން ރޫމަށް ނިކުތްއިރު ބައްޕަ ފިޔަވާ އެންމެން ހަމައަށް ތިއްބެވެ. ވެގެން އުޅެނީ ކީއްތޯ ސުވާލުކުރުމުން ބޮޑު ރާޅެއް އެރީ އޭ އެވަރު ކަމެއް ނޫނޭ ދޮންމަންމަ ބުނެލިއެވެ. ބޮޑު ރާޅެއް މާލެއަށް އެރި ހަނދާނެއް އަޅުގަޑު ދުވަަހަކުވެސް ނުވެއެވެ. ނަމަވެސް އޭގެ ކުރިންވެސް މާލެ އަށް ބޮޑު ރާޅު އެރިކަމަށްވެއެވެ.
ކޮންމެ އަކަސް ވާނުވާ ބަލާލަން މަގު މައްޗަށް ނިކުމެލާނަމޭ ހިތާ ފެންވަރާ ރީތިވެގެން ތިރިއަށް ފޭބީމެވެ. އަޅުގަޑުމެން އުޅެމުން ދިޔައީ ގެއެއްގެ ފުރަތަމަ ފަންގިފިލާގައި ކަމަށް ވުމުން ހިނގައިގެން އުޅޭ ހާދިސާގެ މާބޮޑު ތަފްޞީލެއް ލިބިފައި ނުވިޔަސް ތިރިއަށް ފޭބުމާއެކު ލިބެން ފެށި މަޢުލޫމާތުތަކުގެ ސަބަބުން ހިތުގައި ބިރުވެރިކަމާ މޮޅިވެރިކަން އުފެދިގެން ދިޔައެވެ.
ދެފަޔަށް ބާރުލަފާ އަނބުރާ ގެއަށް އަރައި ގޭމީހުންނަށް ވެގެން އުޅޭ ގޮތުގެ ތަފްޞީލު ދިނީމެވެ. އަރައިގެން އުޅޭނީ ބޮޑު ރާޅެއް ނޫން ކަމަށާ އަރައިގެން އުޅޭނީ ސުނާމީ ނަމަކަށް ކިޔާ އެއްޗެއް ކަަމަށް ބުނީމެވެ. އަދި ރާއްޖޭގެ އެތައް ރަށަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ ކަމުގެ މަޢުލޫމާތު ލިބޭ ކަމަށާ ރަށުގައި ތިބި ގާތް ތިމާގެ މީހުންގެ ހާލު ބަލަން ގުޅަން އެދުނީމެވެ. ނަމަވެސް އެދުވަހުގެ އެ ވަގުތަކީ ރާއްޖޭގެ މުވާޞަލާތީ ގުޅުމަށްވެސް ބުރޫ އަރާފައިވާ ދަނޑިވަޅެއްކަމުގައި ވުމުން އެއްވެސް ތަަނަކަށް ގުޅޭ ގޮތެއް ނުވިއެވެ.
އަޅުގަޑަށް އިތުރު ނުތަވަނަސް ކަމެއް ވެރިވެގެން ދިޔައެވެ. އެއީ އެދުވަހަކީ އަޅުގަޑުގެ އަލަތު ކައިވެންޏަށް 2 މަސް ފުރުނު ދުވަސް ކަމަށްވެފައި އަޅުގަޑުގެ އަލަތު ފިރިމީހާ ހުރީ ވަޒީފާގައި ރިސޯޓެއްގައި ކަމަށް ވުމުންނެވެ. އޭނާގެ އެއްވެސް ޚަބަރެއް ނުވެ ވަގުތު ފާއިތުވަމުން ދިޔަ ވަރަކަށް ހިތުގައި ނުތަނަވަސްކަން އިތުރުވެގެން ދިޔައެވެ.
އޭރު ޓީވީންނާ ރޭޑިޔޯއިން އެންމެ ފަހުގެ ޚަބަރުތައް ގެނެސް ދެމުންދިޔަ. ބައެއް ރަށްރަށަށް ވަރަށް ބޮޑެތި ގެއްލުން ލިބުނުއިރު އެތައް ބަޔަކު ގެއްލިފައިވާ ކަމަށް މައުލޫމާތު ލިބެމުންދިޔައެވެ. ދުވަހުގެ ހަވީރު އަތަށް އަޅާލިއިރު އޭރުގެ ސަރުކާރުން ސުނަމީގައި ލިބުނު ގެއްލުންތަކުގެ މައުލޫމާތު ހޯދުމަށް ޑިޒާސްޓަރ ސެންޓަރެއް ވަގުތީ ގޮތުން ސޯޝަލް ސެންޓަރުގައި ޤާއިމްކޮށް މަސައްކަތްފެށިއެވެ. މަޑުމަޑުން ރަށްރަށުން ކާރިސާގައި ގެއްލުން ލިބި މީހުންނާ ހާލުގައި ޖެހުނު މީހުން ގެންނަން ފެށުނެވެ. އެމީހުންނަށް އެހީވުމަށް ދަރުމަވެރިން ހޯދުމުގެ މަސައްކަތް ސަރުކާރުން ފެށިއެވެ.
އަމިއްލަ އަށް އިސްނަގައިގެން ޑިޒާސްސްޓަރ މެނޭޖްމަންޓް ސެންޓަރަށް ގޮސް އެކަމުގައި އަމަލީ ގޮތުން ބައިވެރިވާން އަޅުގަޑު ފެށީމެވެ. އަމިއްލަ ފިރިމީހާ ވީ ނުވީއެއް ނޭނގޭ ޙާލު އެހެން ބަޔަކަށް އަޅުގަޑުގެ ޚިދުމަތް ފޯރުކޮށްދެވޭތޯ ބެލީމެވެ. އެތާ ތެރެއިން އެއް އަޑަކަށް ގުގުމާފާހުރީ ރުއިމާ ކެކުޅުމުގެ އަޑެވެ. އާއިލާގެ އެކި އެކި މީހުން ވީތަނެއް ނޭނގިގެން އެ ސެންޓަރަށް ގެެނެސްފައި ތިބިތޯ ބަލަން މާލޭގަައި ދިރިއުޅޭ އަތޮޅުތަކުގެ މީހުން އަންނަން ފެށިއެވެ. އަދި ބައެއް މީހުން އާއިލާ މީހުން ގެތަކަށް ގެންދަން ފެށިއެވެ.
އެކުވެރިކަމާ އެއްބައިވަންތަކަމުގެ ލާމަސީލު ނަމޫނާ އެއް ފެނިގެން ދިޔަ ދުވަހަކަށް އެދުވަސް ވެގެންދިޔައެވެ.
އެ ބިރުވެރި ކާރިސާގައި އަނިޔާލިބި ހާލުގައި ޖެހުނު މީހުންނަށް ޚިދުމަތްކުުރުމުގައި ގާތްގަޑަކަށް ދިހަ ރޭ ދިހަ ދުވާލު ނުނިދާ މަސައްކަތް ކުރެވުނެވެ. އެ ކާރިސާގެ ބިރިވެރި ހަނދާންތަކާއެކު ސިހުން ލިބިފައި ތިބި ތުއްތު ކުދިންނަށް ކައުސިލިން ދިނުމުގެ މަސައްކަތް ކުރީމެވެ.
ގޭގެއަށް ޒިޔާރަތްކޮށް ވަރަށް ގާތުން އެކުދިންނަށް ޚިދުމަތް ކޮށްދިނުމުގެ ނަޞީބު ލިބުނެވެ. ކޮންމެ އަކަސް އެ ބިރުވެރި އަދި އަސަރުންފުރިގެންވާ އެ ހަނދާންތަކަށް 20 އަހަރު ފުރިގެންދާއިރު، އެ ދުވަަހަކީ އިންސާނިއްޔަތަށްޓަކައި ޚިދުމަތްކުރުމަށް އަޅުގަޑަށް ލިބިގެންދިޔަ އެންމެ ފުރަތަމަ ފުރުޞަތުކަން ފާހަގަކޮށްލަމެވެ. އެދުވަހުގެ އެ ހަނދާންތައް ހިތަކުން ދުވަހަކުވެސް ފިލައިންގެން ނުދާނެއެވެ.