ރައްޔިތުންނާ ގުޅުންހުރި ބޮޑެތި ކަންކަމުގައި އޮޅޭ ގޮތަށް ވާހަކަ ދެއްކުމަކީ ޣައިރު ޒިންމާދާރުކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ގައުމީ އެއްބައިވަންތަކަމުގެ ދުވަހު ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވަނީ 2004 ވަނަ އަހަރު އެރި ސުނާމީގައި ގެދޮރު ގެއްލުނު ފަރާތްތަކުގެ ތެރެއިން ބޯހިޔާވަހިކަން ނުލިބި ތިބި ހުރިހާ ދިވެހިރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނީ ރައީސް މުހައްމަދު މުއިއްޒު ކަމަށް އެމްއޭސީއެލްގެ މުވައްޒަފެއް ކަމަށްވާ މަރިޔަމް ޝިއުނާ ބުނެފައިވާ ބުނުމަށް އިޝާރާތްކުރައްވާ އެކަން ހިނގި ގޮތް ރައްޔިތުންނަށް ސާފުކޮށްދެއްވާފައެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ ސުނާމީ އަރާ ދިރިނޫޅޭ ވަރަށް ބައެއް ރަށްތައް ހަލާކުވެގެން ދިޔައިރު އޭގެ ތެރެއިން ބައެއް ރަށް ރަށުގެ ރައްޔިތުން، ކާރިސާއަށް ދިހަ އަހަރުވާން ގާތްވި އިރުވެސް ދިރިއުޅެމުން ދިޔައީ ބަނދަރު މަތީ ޓެންޓޫ ޖަހައިގެން ވަރަށް ދަތި ހާލުގައި ކަމަށާ ނަމަވެސް ސަރުކާރުތަކުން ހަމަ ކުރެވެން ހުރި މަސައްކަތްކޮށް ދެމުން ދިޔަ ކަމަށެވެ.
ނަމަވެސް އެމަނިކުފާނު 2013ގެ ރިޔާސީ އިންތިހާބަށް ވާދަކުރެއްވިއިރު ރަށްރަށަށް ކުރި ޒިޔާރަތުގެ ތެރެއިން ވަރަށް ބޮޑަށް ފާހަގަވި ކަންކަން ކަމަށާ އެހެންކަމުން އެމަނިކުފާނު ގެ ރިޔާސީ ވައުދަކަށް ވީ އެ ރައްޔިތުންނަށް ދިރިއުޅުމަށް އެދެވިގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުން ކަމަށެވެ.
އެހެންކަމުން އެމަނިކުފާނުގެ ރިޔާސީ ފުރަތަމަ އަހަރުގައި އެމަނިކުފާނުގެ އެންމެ ބޮޑު އެއް އަމާޒަކަށް ހެއްދެވީ 25 ޑިސެމްބަރު 2014ގެ ކުރިން އެ ރައްޔިތުންނަށް ފުރިހަމަ ގެދޮރުވެރިކަން ފޯރުކޮށްދީ ނިންމުން ކަމަށާ އެ އަމާޒަށް ވާސިލްވުމަށް އެމަނިކުފާނު އެކުލަވާލެއްވި ޓާސްކު ފޯހުގައި ތިން ބޭފުޅަކު ހިމަނުއްވާ އޭރުގެ ފިނޭންސް މިނިސްޓަރު ޑރ އަބްދުﷲ ޖިހާދު ޓާސްކު ފޯސް ވިލަރެސްކުރައްވަން އައްޔަންކުރެއްވީ ކަމަށެވެ. އަދި ދެން އެ ޓާސްކު ފޯހަށް އެމަނިކުފާނު އައްޔަންކުރެއްވީ އޭރުގެ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒާ އަދި އޭރުގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އޭރުގެ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން ރައީސް މުއިއްޒުވެސް މަސައްކަތްތަކެއް ކުރެއްވި ކަމަށާ ނަމަވެސް އެކަމުގައި އެންމެ ބޮޑު ތައުރީފެއް ހައްގުވަނީ އެ މަސައްކަތުގައި އެންމެ ބުރަކޮށް ހަރަކާތްތެރިވި އެމްއެންޑީއެފުގެ ބޭފުޅުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ފަރާތްޕުޅުން އާންމުކޮށް އެންމެ ފަރިތަކޮށް އުޅޭ ބޮޓންގެ ތެރެއިން އެއް ބޮޓަކު މި ސުނާމީގައި ގެދޮރު ހަދާ ނިންމި ގޮތުގެ ވާހަކަ ލިޔާއިރު އެކުދިންނަށް މިކަން ރަގަޅަށް ނުވެސް އެނގޭ. ކޮންމެވެސް މީހަކު ބުނީމަ ބުނާ އެއްޗެއް ލިޔަނީ. އެކަމު މިވަރުގެ ބޮޑުކަމެއްގައި ކީއްކުރަންހޭ އަން ޑިއު ކްރެޑިޓް ނަގަނީ. 2013- 2014ގައި އަޅުގަޑަށް ލިބުނު އެންމެ ފުރަތަމަ ރިޠާސީ އަހަރު ދަރަނިތައް ދައްކަމުން ދެން އެންމެ އިސްކަމެއް ދިނީ އެ ރައްޔިތުންނަށް ބީހިޔާވަހިކަން ފޯރުކޮށްދޭން. 2014 ވަނަ އަހަރު އޮގަސްޓު، ސެޕްޓެމްބަރު ހިސާބުގައި ޓާސްކު ފޯސް އަޅުގަޑު އެކުލަވާލީ. ޓާސްކް ފޯސުގެ އިސް ބޭފުޅަކަށް ހަވާލުކުރީ ފިނޭންސް މިނިސްޓަރު ޖިޙާދާ. މުއިއްޒަކާވެސް ނޫން ހަވާލުކުރީ، ދެން މުއިއްޒަކީވެސް ޓާސްކުފޯސް ތެރޭގައި ހިމެނޭ ވަޒީރެއް. މުއިއްޒުވެސް މަސައްކަތްތަކެއް ކުރެއްވި. ދެން ޑިފެންސް މިނިސްޓަރު ޏާޒިމް ހުންނެވި. ޓާސްކު ފޯހުގައި ޖިހާދު ވަރަށް ބުރަކޮށް މަސައްކަތްކުރެއްވި. ހަގީގަތުގައި އެންމެ ބުރަކޮށް އުޅުއްވީ އެމްއެންޑީއެފުގެ ބޭފުޅުން. އޭރު އެމްއެންޑީއެފުގެ އޭރުގެ ޗީފު ޖެނެރަލް ޝިޔާމް އަބްދުއްރަހީމުމެން ފަދަ ބޭފުޅުންވެސް ހަމަ އެތަނަށް ދުރުވެ ރަށަރށުގައި ހުރިކަންކަން ބަލާ. އެއީ ކުރިން ސިވިލް ކންޓްރެކްޓަރުންނާ ހަވާލުކޮށް މަސައްކަތް ކުރިއިރު ބޭނުންކޮށްފައި ހުރި ފޭރާމުގެ ފެންވަރު ދަށްވުމާ ކަންކަން ހުރުމުން. އަޅުގަޑުގެ ޓާގެޓަކަށްވީ އޭރުގެ ސުނާމީ ދުވަސް އައުމުގެ ކުރިން ޑިސެމްބަރު 25 އަށް ނިންމަންވާނެ އޭ. 10 އަހަރު ވަންދެން ނުނިމި ހުރި މަސައްކަތް އަޅުގަޑުމެން ތިން ހަތަރު މަހެއްގެ ތެރޭގައި ނިންމިން. ނަމަވެސް އެއީ ވަރަށް ވަރުގަދަ މަސައްކަތް އިނގޭތޯ. އެއީ އެކަން ހިނގި ގޮތަކީ. އެކަމު އެއީ އެއް ބޭފުޅަކު ކްރެޑިޓު ނަގަން ޖެހޭ ވަރުކަމެއް ނޫން. މުއިއްޒަކީ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއް. ނަމަވެސް ޖިހާދު ޓާސްކު ފޯހުގެ އިސްބޭފުޅެއްގެ ގޮތުގައި އެކޮޅުގައި ހުންނަވައިގެން ކޮންމެ ދުވަހަކު އަޅުގަޑަށް ގުޅަން ޖެހިއްޖެއިއްޔާ ގުޅުއްވައިގެން ކުރިއަށް ގެންދެވީ. އެހެންވެ ކަން ނޭނގޭ އެހާ އަވަހަށް ދެތިން މަސް ދުވަހުގެ ތެރޭގައި ނިންމާލެވުނީ ވެސް. އެކަމު މި ދެންނެވީ މިވަރުގެ ބޮޑުކަމެއް ހިނގާ ދިޔައިރުވެސް ނޭނގޭ ވަރުގެ ކުއްޖަކު ނެރެގެން މިކަހަލަ ވާހަކަ ދެއްކީމަ މީ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅެނީ ނޫންތޯ
ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް ވަރަށް ގިނަ ކަންކަން ކޮށްދެއްވާފައިވާކަމަށް ޕީއެންސީގެ ބޮޓުން މެޑަލް ޖަހަމުންދާއިރު، ސަރުކާރު ތެރެއިން ސަރުކާރަށް ކުރާ ތަދުގައި ބޭސްއަޅާ ފަރުވާދިނުމަށް ފަހު ރައްޔިތުންނަށް ޚިދުމަތްކުރާނެ ވަގުތެއް ނޯންނަކަމަށެވެ.