ނޫމަޑި ރިސޯޓްސް އިން ދިވެހި ދައުލަތާ ދެކޮޅަށް ނެދަލެންޑްސްގެ ދަ ހޭގުގައި ހުންނަ ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދިވެހި ދައުލަތާ ދެކޮޅަށް ދޮގު ބަޔާން ދެއްވި ކަމަށް ބުނާ މައްސަލައިގެ "އަޑު" އަދި ވެސް ދިވެހި ފަޒާގައި ދަނީ ގުގުމަމުންނެވެ.
ނޫމަޑި މައްސަލައިގައި ބޮޑު ބަދަލެއް ދައުލަތުން ދޭން ޖެހުމުން އެ މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ދެކޮޅަށް ދައުވާ ވެސް އުފުލިއެވެ. ނަމަވެސް އެ މައްސަލަ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ސާބިތެއް ނުވެއެވެ.
ކުށުގެ ރުކުންތައް ފުރިހަމަ ނުވާކަމަށް ބުނެ އެ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބެއްލެވި ގާޒީ ސޮފްވަތު ހަބީބް ހުކުމް ކުރެއްވި ނަމަވެސް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދިވެހި ދައުލަތާ ދެކޮޅަށް ދޮގު ބަޔާން ދެއްވި ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް މިއަދު ވެސް "ރައްޔިތުންގެ ކޯޓު" ގައި އެބަ ހިގައެވެ. މި މައްސަލައިގެ އަޑު އެހުންތައް ވެސް ކުރިއަށް އެބަދެއެވެ. މައްސަލައިގެ ތަހުގީގުތަކާއި ލަފާ ކުރުންތަކާއި ހިޔާލު ހޯދުމުގެ ޕޯލްތަކާއިއެކުއެވެ.
ބަދަލުވީ އެންމެ ކަމެކެވެ. ދައުލަތާއި ދެކޮޅަށް ބޭރުގެ ކޯޓެއްގައި ހެކި ބަސް ދެއްވި ކަމުގެ ތުހުމަތު ކުރިން އޮތީ ހައުސިން މިނިސްޓަރަށެވެ. މިއަދު ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިޔާއެވެ. ކުރީގެ ހައުސިން މިނިސްޓަރުކަމުން ލިބުނު "ތާއީދުން" މާލެ ސިޓީ މޭޔަރުކަމަށް ހޮވި އަދި އެފަހުން ރައީސް އަބްދުﷲ ޔާމީންގެ ތާއީދުން ވެރިކަމަށް ވަޑައިގެން މިއަދު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އެވެ.
އެހެން ކަމުން އިހުނަށް ވުރެ ގައުމީ ޖޯޝުގައި ކުރިއަށް ނިކުމެ ނޫމަޑި ބަދަލުގެ ވައްކަން އުފަންވުމަށް މެދުވެރިވި "މުއިއްޒު ބަޔާނު"ގެ ހަގީގަތް ދިވެހި ރައްޔިތުންނަށް ބުނެދީ ސާފުކޮށް ދެއްވަން ވެއްޖެ ނޫން ތޯ އެވެ. ތިޔައީ މިއަދު ގައުމުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސުލްޖުމްހޫރިއްޔާގެ ޕޯޑިއަމްގައި ހުންނަވާ "ނޫމަޑިއާއެކު ސަރުކާރުން ހެދި އެއްބަސްވުން އުވާލި މައްސަލަ" ނަމުގައި ޕްރެސް ކޮންފަރެންސެއް ބާއްވަވާ ރައްޔިތުންގެ ސުވާލުތައް ހުސް ވަންދެން ޖަވާބު ދެއްވަން ވީ ނޫންތޯއެވެ.؟
ނޫމަޑީގެ ފަރާތުން ހުށަހެޅި ހެއްކެއްގެ ގޮތުގައި ދައުލަތާ ދެކޮޅަށް މަނިކުފާނު އާބިޓްރޭޝަނަށް ބަޔާނެއް ދެއްވި ކަމަށާއި އޭގެ ސަބަބުން އެ މައްސަލަ ކާމިޔާބު ކުރަން ދައުލަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ދިވެހި ދައުލަތުން ބުނާ ބުނުމަށް ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައްޔިތުންނަށް މަނިކުފާނުގެ މައުސޫމްކަން ސާބިތުކޮށް ދެއްވަން ވީ ނޫންތޯ އެވެ.؟ ނޫމަޑި ކުންފުންޏަށް ބަދަލު ދޭން ޖެހުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް ދެއްވި ލަގާއެއް ކަމަށް އިދިކޮޅުން ބުނާ ބުނުމަށް ޖަވާބު ދެއްވަން ވީ ނޫންތޯއެވެ.؟
ނޫމަޑިއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އަތޮޅުތެރޭގައި ހައުސިން ޔުނިޓުތަކެއް އަޅަން ހަވާލުކުރި ކުންފުންޏެކެވެ. އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ، އެ ކުންފުންޏާ އެކު ވެފައިވާ "އެގްރީމެންޓް ޓާމިނޭޓް" ކުރީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެންނެވެ.
މިކަމާއި ގުޅިގެން ނޫމަޑިން ދިވެހި ދައުލަތާއި ދެކޮޅަށް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި އެވެ.
އެއް މައްސަލައަކީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީކުރަން ހަވާލުކުރި އެއްބަސްވުން ބާތިލް ކުރުމެވެ. މި ހައުސިން ޔުނިޓްތައް އަޅަން އެ ކުންފުންޏާއި ހައުސިން މިނިސްޓްރިއާ ދެމެދު ސޮއިކުރީ ޖެނުއަރީ، 20، 2011، ގަ އެވެ.
ނޫމަޑިން އާބިޓްރޭޝަނަށް ދެން ހުށަހެޅީ 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް 1 އާއި 3 ރަށެއްގެ ނަރުދަމާގެ ނިޒާމް ތަރައްގީކުރަން ހަވާލުކުރި އެއްބަސްވުމުގެ މައްސަލަ އެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރީ މެއި، 30، 2013 ގަ އެވެ.
އެއްބަސްވުން އުވާލި މައްސަލައިގައި ނޫމަޑިން، ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) އާއި އާބިޓްރޭޝަނާ ގުޅޭ އެހެން ހަރަދުތައް ވެސް ހޯދާށެވެ. ކޯޓުގައި މި މައްސަލަ ހިނގަމުން ދަނިކޮށް އެ ކުންފުންޏާ ވާހަކަ ދައްކައިގެން 55 މިލިޔަން ޑޮލަރު ދީގެން މައްސަލަ ނިންމަން އެއްބަސްވީ، ނިމުނު ސޯލިހު ސަރުކާރުން ރައީސް އޮފީހުގައި އަޮތް ސެޓްލްމެންޓް ކޮމިޓީންނެވެ. ނޫމަޑީގެ މައްސަލަ ކޯޓުން ބޭރުން މިގޮތަށް ނިންމަން އެއްބަސްނުވި ނަމަ އެ ކުންފުންޏަށް 200 މިލިޔަން ޑޮލަރަށް ވުރެ ބޮޑު ބަދަލެއް ދޭން ޖެހުނީސް ކަމަށް ސޯލިހު ސަރުކާރުން ބުންޏެވެ. އަދި ނޫމަޑިއަށް ބަދަލު ދޭން ނިންމި ނިންމުން ވަރަށް ބޮޑަށް ކުރީ ސަރުކާރުން ދިފާއުކުރައްވަ އެވެ.
ދިފާއުގައި އެއްޗެއް ނުބުނެވެނީ ނޫމަޑިއާ އެކު ހެދި އެއްބަސްވުން އުވާލި ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށެވެ. ނޫމަޑިން ދައުލަތާ ދެކޮޅަށް ނިކުތުމުން މުއިއްޒު މިއަދު ވެސް އިއްޔެ ފަދައިން ހުންނެވީ ހަނު އެވެ.
ނޫމަޑިއާ އެކު ހެދި އެއްބަސްވުން އުވާލުމުން ދައުލަތުން ބަދަލުދޭން ޖެހުނު މައްސަލައިގެ ތަހުގީގަށް މުއިއްޒު ފުރަތަމަ ޕޮލިހަށް ހާޒިރުކުރީ 2020 ވަނަ އަހަރު ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އަދި މުއިއްޒު ފުލުހުންގެ އިދާރާއަށް ހާޒިރުވާން ދެވަނަ ފަހަރު ޗިޓް ފޮނުވީ 2020 ވަނަ އަހަރުގެ ޖޫން 11 ވަނަ ދުވަހު އެވެ.
ސުވާލަކީ ނޫމަޑިއަށް ބަދަލު ދޭން ޖެހުނު މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބޮޑު އިހުމާލެއް އޮތް ކަމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށް، ކުރީގެ ބަންޑާރަ ނައިބުގެ އޮފީހުން އެ މައްސަލަ ޖިނާއީ ތަހުގީގު ކޮށްދޭން ފުލުހުންގެ ކިބައިން އެދުނުއިރު، މުއިއްޒުއާ ދެކޮޅަށް ފުލުހުން ހިންގި ޖިނާއީ ތަހުގީގު ރިޕޯޓް މިއަދު ކޮބާ ހެއްޔެވެ.؟ ގެއްލުނީ ހެއްޔެވެ؟
އަދި އެއް ވާހަކަ އެވެ.
ނޫމަޑީގެ މައްސަލާގައި މުއިއްޒު މާލިއްޔަތު ކޮމިޓީއަށް ވަޑައިގެން އިތުރުފުޅު ހެއްދެވުމާއި ސަރުކާރަށް ގެއްލުންވާ ގޮތަށް ބަޔާން ދެއްވި މައްސަލަ އާއި ނޫމަޑިން ހިންގި ހައުސިން މަޝްރޫއުތަކާ ގުޅޭ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ތަހުގީގު ކުރި އެވެ. މި ރިޕޯޓް ކޮބާ ހެއްޔެވެ.؟ ގެއްލުނީ ހެއްޔެވެ؟
އަދި ވެސް އެއް ވާހަކައެވެ.
ނޫމަޑީގެ މައްސަލައިގައި ދައުލަތުގެ ހުއްޖަތް ބަލިކަށިވީ އާބިޓްރޭޝަންގައި މުއިއްޒު ދެއްވި ބަޔާން ބަދަލުކުރުމުގެ ސަބަބުން ކަމަށް ބުނެ ނޫމަޑިއާ ގުޅޭ ހާއްސަ އޮޑިޓެއް، އޮޑިޓް އޮފީހުން ކުރި އެވެ. މި އޮޑިޓް ކޮބާ ހެއްޔެވެ.؟ ގެއްލުނީ ހެއްޔެވެ؟