ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޮލް. / އޭޕީ
ދުނިޔެ
ދެކުނު ކޮރެޔާގެ ރައީސް ހައްޔަރު ކުރުމުގެ އަމުރެއް ނެރެފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
31 ޑިސެމްބަރު 2024
މާލެ ސިޓީ

މަގާމުން ދުރުކޮށްފައިވާ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޮލް ހައްޔަރުކުރުމުގެ އަމުރެއް އެ ގައުމުގެ ކޯޓަކުން ނެރެފި އެވެ.

އަސްކަރީ ގާނޫނު އިއުލާނުކުރެއްވި މައްސަލައިގައި ޔޫން ހައްޔަރުކުރުމުގެ އަމުރަކަށް އިންވެސްޓިގޭޓަރުން އެދުނީ އިއްޔެ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ކޯޓު އަމުރު ނެރެދިނުމަށް އެދުނީ ސަރުކާރާ ދެކޮޅަށް ބާޣާވަތެއް ގެނަން މަސައްކަތްކުރުމާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުން ހިފި ކަމަށް ތުހުމަތުވާ ދައުވާގެ މައްސަލައިގައި ޔޫންއާ ސުވާލުކުރަން ހާޒިރުވެވަޑައިގަތުމަށް ފޮނުވި ތިން ޗިޓަކަށް އިޖާބަ ނުދެއްވުމުންނެވެ.

މިއީ، ދެކުނު ކޮރެޔާގެ ތާރީހުގައި، ރައީސް ކަމުގެ މަގާމު ފުރުއްވަމުން ގެންދެވި ބޭފުޅަކު ހައްޔަރު ކުރުމަށް އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ. އެހެންކަމުން މި އަމުރު ތަހުގީގު ކުރާ ފަރާތްތަކަށާއި ފުލުހުންނަށް ތަންފީޒު ކުރެވޭނެ ކަމާއިމެދު ގާނޫނޫ ގިނަ ބަހުސްތަކެއް މިހާރު ވެސް ވަނީ އުފެދިފަ އެވެ.

އެގޮތުން ރައީސްގެ ސަލާމަތީ ހިދުމަތުން އަންނަނީ ރައީސް ހައްޔަރުކުރުމުން އެމަނިކުފާނުގެ ސަލާމަތަށް އަތުވެދާނެ ނުރައްކަލަކާއި މެދު ސުވާލު އުފައްދަމުންނެވެ. ގިނަ ގައުމުތަކެކޭ އެއް ގޮތަށް ދެކުނު ކޮރެއާގެ ވެސް ރައީސްގެ ސެކިއުރިޓީ ބަލައްޓަނީ އެ ގައުމުގެ ސަލާމަތީ ބާރުގެ ހާއްސަ ފޯސް އަކުން ނެވެ.

މި މަހުގެ ހަތަރުވަނަ ދުވަހު ޔޫން އަސްކަރީ ގާނޫނު އިއުލާނުކުރެއްވުމާ ގުޅިގެން ދެކުނު ކޮރެއާގައި ވަރަށް ބޮޑު ސިޔާސީ ހަމަނުޖެހުމެއް އުފެދުނެވެ. އެގޮތުން ޔޫން މަގާމުން ދުރުކުރަން ގާނޫންހަދާ މަޖިލީހުގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި، އޭނާ ދުރުކުރަން ބޭނުންވާ ވަރަށް ވޯޓެއް ނުލިބުނެވެ. އެކަމަކު ފަހުން ބޭއްވި ދެވަނަ ބުރުގައި އަޣުލަބިއްޔަތުން ވަނީ ވޯޓު ކާމިޔާބުކޮށް ރައީސްގެ މަގާނުން ޔޫން ދުރުކޮށްފަ އެވެ.

ޔޫން މަގާމުން ދުރުކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްވުމާ ގުޅިގެން މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ޔޫން ހުންނަވަނީ "ފުރުން މަނާކޮށް" މަގާމުން ސަސްޕެންޑް ކުރައްވާފަ އެވެ. ރައީސްގެ ބާރުތަކާއި ޒިންމާތައް ވަނީ އަތުލައިފަ އެވެ. އެ ޒިންމާތަކާ ހަވާލުވެވަޑައިގަންފައިވަނީ ބޮޑުވަޒީރު ހާން ޑަކް ސޫއެވެ.

ދެކުނު ކޮރެއާގައި އަސްކަރީ ގާނޫން އިއުލާންކުރުމާ ގުޅިގެން އުފެދިފައި ހުރި މައްސަލަތަކުގައި ޕްރޮސެކިޔުޓަރުން މިހާރު ބަލަމުންދަނީ، އަސްކަރީ ގާނޫން އިއުލާންކުރަން ޖެހުނު ސަބަބެވެ. އަދި އެފަދަ ހާލަތެއް ނެތި އަސްކަރީ ގާނޫން އިއުލާންކުރުމަށް ޔޫން އަމުރުކުރެއްވީ ކީއްވެތޯ ވެސް ބަލާނެ އެވެ.

ޔޫންގެ ފަރާތުން ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު، އަސްކަރީ ގާނޫން އިއުލާންކުރީ އިދިކޮޅާ ހެދި ގައުމު ހިންގެން ނެތުމެވެ. އަދި އުތުރު ކޮރެއާއަށް ތާއީދުކުރާ ބަޔަކު ސިފައިންގެ ތެރޭގައި ހިމެނޭތީ އެ ބައެއްގެ ބާރުކަނޑުވާލުމަކީ ވެސް ބޭނުމެކެވެ.

މި މަހުގެ ތިންވަނަ ދުވަހު ޔޫން އަސްކަރީ ގާނޫނު އިއުލާނުކުރެއްވީ އިދިކޮޅުން ބަޣާވާތެއް ކުރަން އުޅޭ ކަމަށާއި އުތުރު ކޮރެއާއާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައެވެ. އަދި ގާނޫނު ހަދާ މަޖިލީހަށް ސްޕެޝަލް ފޯސަސް އާއި ހެލިކޮޕްޓަރު ވެސް ފޮނުވި އެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުން މަޖިލީހަށް ގަދަކަމުން ވަދެގަނެ ޖަލްސާ ބޭއްވުމަށް ފަހު، ކުއްލި ނުރައްކާ އުވާލަން އެންގުމަށް ފާސްކުރުމުން ހަމަ އެ ރޭ އަމުރު ބާތިލްކުރި އެވެ.



ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved