އައިއެސްގެ މެންބަރަކަށް ވެ، ޓެރަރިސްޓް ހަރަކާތްތަކަށް ހިތްވަރުދީ، އެ ކަންކަމާ ގުޅުން ހުރި އެތައް ކަމެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ ހޫދު މުހައްމަދު ޒާހިރު ބަންދުން ދޫކޮށްލާފައިވަނީ ގޯސްކޮށް ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.
ހޫދުގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ފަސް ދައުވާއެއް އުފުލާފަ އެވެ. އެއީ އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ހިތްވަރުދިނުމުގެ ކުށުގެ ދައުވާ އާއި އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިޔުންތައް ފެތުރުމުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމާއި ކުރެހުމާ ފޮޓޯ ގެންގުޅުމުގެ ދައުވާ އެވެ. މި ދައުވާތައް ސާބިތުވެއްޖެ ނަމަ 53 އަހަރުގެ ހުކުމެއް އަންނާނެ އެވެ.
ކްރިމިނަލް ކޯޓުން ހޫދު ބަންދުން ދޫކޮށްލީ ބަންދު މުރާޖައާ ކުރުމަށް އޭނާ އެދުމުން، އެ ކަމަށް ދެ ފަރާތުން ދެއްކި ވާހަކައަށް ރިއާޔަތް ކުރުމަށް ފަހު އެވެ. ބަންދުން ދޫކޮށްލީ ފުރަތަމަ ދެ މަސް ދުވަހަށެވެ. އޭގެ ފަހުން އިތުރަށް ދެ މަސް ދިނެވެ.
ކްރިމިނަލް ކޯޓުން ވަނީ އިތުރު 60 ދުވަހަށް ހޫދު ބަންދު ކުރަން ނެރެފައިވާ އަމުރު ސަސްޕެންޑް ކުރަން ނިންމައިފަ އެވެ. އެކަމަކު، އެ ނިންމުމާ މެދު ހިތްހަމަނުޖެހޭތީ، ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރީ އެވެ.
އިސްތިއުނާފާ މެދު ގޮތް ނިންމަން އިއްޔެ ހައި ކޯޓުން އިއްވި ހުކުމްގައި ބުނީ ހޫދުގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކަމަށާއި ނަމަވެސް، ބަންދު މުރާޖައާ ކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ.
ހައި ކޯޓުން މި ގޮތަށް ހުކުމްކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ބެންޗުގައި ތިއްބެވި ފަނޑިޔާރުންނަކީ:
ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު
މުހައްމަދު ފައިސަލް (ބެންޗުގެ ރިޔާސަތު)
މުހައްމަދު ނިޔާޒު
ފުލުހުން ބުނެފައިވާ ގޮތުގައި ހޫދު ވަނީ ޔޫރަޕްގެ ބައެއް ގައުމުތަކުގެ އިސް ވެރިންނާއި އާންމުންގެ ފުރާނަ އަށް ނުރައްކާވާ ފަދަ ހަމަލާ ދިނުމަށް ގޮވާލާފައިވާ ކޮންޓެންޓް ވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދައުރު ކޮށްފަ އެވެ. ނަމަވެސް ހުރިހާ ދައުވާތަކަށް ވެސް ހޫދު އިންކާރު ކޮށްފައިވެ އެވެ.