
ކައުންސިލްތަކުގެ އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ވާދަކުރަން އީފާސް މެދުވެރިކޮށް ހުށަހަޅަން އިލެކްޝަން ކޮމިޝަނުން އެންގި އެންގުމާ ދެކޮޅަށް ޕީއެންއެފުން ހުށަހެޅި މައްސަލަ ރަޖިސްޓަރ ނުކޮށް އިންސާފުން ބާކީ ކުރި ނަމަވެސް، މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅާނެ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ޕީއެންއެފުން ހުށަހެޅި ދުސްތޫރީ ބަލައިނުގަނެ ކޯޓުން ބޭރުކޮށްލުމުން އެކަމަށް އިޝާރާތްކުރައްވާ މަލީހު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
އެ ޕޯސްޓުގައި މަލީހު ވިދާޅުވެފައިވަނީ، ހައިކޯޓުގެ ރަޖިސްޓަރގެ އަމަލުތައް ޤާނޫނާއި ކޯޓުތަކުން މިހާތަނަށް ޢަމަލުކޮށްފައިވާ އުސޫލާއި ފުށުއަރާ ކަމަށެވެ.
އެހެންކަމުން ރަޖިސްޓަރގެ މައްސަލައަށް އިންސާފު ނުލިބުނަސް ޖޭއެސްސީއަށް އެ މައްސަލަ ހުށަހަޅާނެކަން ހާމަކުރައްވާ މަލީހު ވިދާޅުވެފައިވަނީ، ރެޖިސްޓަރގެ ނިންމުން ބޮޑަށް ސިފަވަނީ އަޑުއެހުމެއް ނުދީ ކޮށްފަ އޮތް ހުކުމަކާ ކަމަށެވެ. އަދި އެއީ ޖުޑިޝިއަރީގެ ނުރައްކާތެރި މިސްރާބެއްގެ ގޮތުގައި ވެސް މަލީހު ސިފަކުރައްވާފައިވެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ލޯކަލް ކައުންސިލް އިންތިޚާބުގައި އީފާސް ބޭނުންކުރުމާ ދެކޮޅަށް ޕީއެންއެފުން ހުށަހެޅި މައްސަލަ ބޭރުކޮށްލާ ކޯޓުގެ ރަޖިސްޓްރާ ވިދާޅުވެފައިވަނީ، އިލެކްޝަންސް ކޮމިޝަނުގެ ނިންމުން، މައްސަލަ ހުށަހެޅި ފަރާތުގެ މާއްދާތަކާ ޚިލާފުވާ ކަމަށް ގާނޫނީ އުސޫލުތަކުގެ އަލީގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.










