މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ވަގުތީ ހިޔާވަހިކަން ދިން 44 މީހުން އަމިއްލަ ގެތަކަށް ބަދަލުވެފައިވާކަން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭ އިން ބުނެފި އެވެ.
މާލެއަށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގިނަ ގޭބީސީތަކަށް އެކި ވަރުގެ ގެއްލުންވެފައިވާކަން ފާހަގަކޮށްލެވެ އެވެ.
ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސީ ފާހަނާތަކުން ނަޖިސް ލީކުވުމާއި ކައްކާ ކައިބޮއެ ހެދުމަށް ބުރޫ އަރާ އާންމު ދިރިއުޅުމަށް ހުރަސްއެޅިފައިވާ ހާލަތަށް ގޮސްފައިވާ ގެތަކުގެ މީހުން ކަމަށް މީގެ ކުރިން އެންޑީއެމްއޭ އިން ހާމަ ކުރި އެވެ.
އަދި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވަނީ އެއް ދުވަހަށްކަމަށާއި މިހާރު އެމީހުން ވަނީ އަމިއްލަ ގެތަކަށް ބަދަލުވެފައިކަމަށް މައުލޫމާތު ލިބެ އެވެ.
ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން، ފެން ހިންދުމަށް އެމްއެންޑީއެފް، ފަޔާ އެންޑް ރެސްކިޔު ސާވިސްއިން، މާލޭގެ އަށް ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ގެންދިޔަކަން ފާހަގަކޮށްލެވެ އެވެ.