ގއ. ވިލިނގިލި ހޮސްޕިޓަލް / ތޭރަ އޮންލައިން
ހަބަރު
މާބަނޑު އަންހެނަކު ދުވަސް ނުފުރައި ވިހެއި ދަރިފުޅާ އެކު ނިޔާވުމާއި ގުޅިގެން ރައްޔިތުން އިހްތިޖާޖު ކުރަނީ!
Hussain Nawaf
ހުސައިން ނަވާފް
08 ފެބްރުއަރީ 2025

ވިލިނގިލި ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ދަށްވެ ހޮސްޕިޓަލުގައި ފަރުވާ ހޯދާ ބަލިމީހުންގެ ފުރާނައަށް ވަމުންދާ ގެއްލުންތަކާއި ގުޅިގެން އިހުތިޖާޖެއް ކުރުމަށް ނިންމައިފިއެވެ.

ހާލު ބޮޑު މާބަނޑު އަންހެނަކު ދުވަސް ނުފުރައި ވިހެއި ދަރިފުޅާ އެކު، އިތުރު ފަރުވާއަށް މާލެ ގެންނަން އުޅެނިކޮށް، ކުއްޑޫ އެއާޕޯޓު ރަންވޭ މައްޗަށް ދާދި ފަހުންވަނީ ނިޔާވެފައެވެ. ދެމައިން ނިޔާވި ހިތާމަވެރި ހާދިސާގައި ބައެއް އިހުމާލު އޮތް ކަމަށް ޝިއުނާގެ އާއިލާއިން ބުނެ އެވެ. އެގޮތުން، ވިލިނގިލީ ހޮސްޕިޓަލާއި އެއާ އެމްބިއުލޭންސުގެ އިހުމާލު އެކަމުގައި އޮތް ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ. އަދި މި މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފާފައިވާ ކަމަށް އެ މިނިސްޓްރީންވަނީ މައުލޫމާތު ދީފައެވެ.

ސަރުކާރުން ވިލިނގިލި ހޮސްޕިޓަލުގެ ޚިދުމަތްތައް ރަނގަޅު ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ރައްޔިތުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި އެކަމާއި ގުޅިގެން މިއަދު ސުލްހަވެރި އިހްތިޖާޖެއް ކުރުމަށްދަނީ ތައްޔާރުވަމުންނެވެ.

ނަމަވެސް މި އިހްތިޖާޖުގައި ބައިވެރި ނުވުމަށް ފެނަކަ މުވައްޒަފުންނަށް އެންގިކަމުގެ މައުލޫމާތު 13 އޮންލައިނަށްވަނީ ލިބިފައެވެ. އެގޮތުން މި އިހްތިޖާޖުގައި ބައިވެރިވާ ހުރިހާ މުވައްޒަފުންނަށް ފިޔަވަޅު އަޅާނެކަމަށް އެޗްއާރުންވަނީ އަންގާފައެވެ.

މި އިހްތިޖާޖު ކުރާނީ މިއަދު ހަވީރު 4:30 ގައި ގއ ވިލިނގިލި ހޮސްޕިޓަލް ކުރިމަތީގައި އޮންނަ ހުސް ބިމުގައިކަން ފާހަގަކޮށްލެވެއެވެ. އަދި އިހުތިޖާޖުގެ ބައިވެރިން ކަޅު ކުލައިގެ ހެދުންލުމަށްވެސް ނިންމާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މި އިހްތިޖާޖު ޗެނަލް 13 މެދުވެރިކޮށް ވަގުތުން ގެނެސްދޭނެކަން ބެލުންތެރިންގެ ސަމާލުކަމަށްޓަކައި ދަންނަވާލަމެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved