ރައީސް ޔާމީން / ޕީޕީއެމް
ހަބަރު
ގޮނޑި ގެއްލުވާލައި ފިނަމަ އަޒާން އިންތިހާބުކޮށް ދޭނަން: ރައީސް ޔާމީން
Qudhrathullah Ameen
ގުދުރަތުﷲ އަމީން
28 ފެބްރުއަރީ 2025
މާލެ ސިޓީ

ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާނަށް ކެމްޕޭން ކޮށްދިނިން ކަމަށާއި ގޮނޑި ގެއްލުވާލައިފި ނަމަ ދެން އަދި މާ ގަދައަށް ކެމްޕޭން ކޮށްދެއްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި އަޒާންގެ ގޮނޑި އަތުލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ފާޑު ވިދާޅުވަމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދު ކުރަން މަޖިލީހަށް ހުށަހެޅި ބިލަށް ތާއީދު ނުކުރަން އަޒާން ނިންމެވީ އެ ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލަކަށް ވާތީ އެފަދަ ބިލަކަށް ތާއީދު ކުރުމަކީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމުގައި ދެކޭތީ އެވެ.

އަޒާން ވިދާޅުވީ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އޮތް ނަމަ ޖުޑީޝަލް ސާވިސް ކޮމިޝަނުން އެކަން ބަލައި އެފަދަ މައްސަލައެއް ސާބިތުވާ ނަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފަނޑިޔާރުން ވަކި ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެ އުސޫލުގެ ބޭރުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީ އަށް އޮއްވައި ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައި ދެ ފަނޑިޔާރަކު މަދު ކުރަން މަޖިލީހުން ނިންމުމަކީ ގާނޫނީ ގޮތުން ދެކޮޅު ޖެހޭ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އަޒާން ވިދާޅުވި އެވެ.

ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި ބައިވެރިނުވުމާ ގުޅިގެން އަޒާނަށް ރައީސް މުއިއްޒު ވަނީ ނުރުހުން ފާޅުކުރައްވާ ޕީއެންސީގެ ޕީޖީ ވަޓްސްއެޕް ގްރޫޕަށް އަންގާރަ ދުވަހު މެސެޖެއްވެސް ފޮނުއްވާފަ އެވެ. އޭގެ ފަހުން އަޒާން އެ ގްރޫޕުން ބޭރުކޮށްލި އެވެ.

ހިތަދޫ މެދު ދާއިރާގެ ދާއިރާގެ ބައި-އިލެކްޝަނެއްގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވިކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށް ރޭގެ ޖަލްސާގައި ރައީސް  ޔާމީން ވިދާޅުވީ އަޒާނާ މެދު ފަހުރުވެރިވާ ކަމަށެވެ.

އެއީ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ކުރިން ރައްޔިތުންނާއި ގާނޫނުގެ ހަައްގުގައި ދައްކަވަމުން ގެންދެވި ވާހަކަތަކުގެ ތެދުކަން ސަރުކާރުން ގާނޫނު އަސާސީ "ފުޑާލަން" ކުރާ މަސައްކަތަށް ކެރިގެން ދެކޮޅު ހެއްދެވިކަން އޭނާ މިއަދު ސާބިތުކޮށްދީފައިވާތީ ކަމަށް ރައީސް ޔާމީން ވިދާޅުވި އެެވެ.

އަދި އެ މަސައްކަތުގައި ސަރުކާރުން އޭނާގެ ގޮނޑި ގެއްލުވާލައިފި ނަމަ "ފަހު ވަގުތު ނަަމަވެސް އޭނާއަށް ކެރިގެން ހައްގު މަގުގައި އޭނާއަށް ހިނގަން ކެރުނީތީ އަޅުގަނޑުމެން މިތިބީ އޭނާއަށް ފުރިހަމައަށް ތާއީދުކޮށްގެން" ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އަދި އަޒާންގެ ގޮނޑިގެއްލިގެން އަޒާން ހޮވުމަށް ކުރާ މަސައްކަތުގައި ދެން އަޒާން ހަނދާން ހުންނާނެ ކުރީގައި ވެސް އަޅުގަނޑު އޭނާއަށް މަސައްކަތް ކޮށްދިނިން [މަޖިލިސް] އިންތިހާބުގައި. މިފަހަރު އަދި އެޔަށް ވުރެ ވަރުގަދައަށް މަސައްކަތްކޮށްދޭނަން،

- ރައީސް ޔާމީން

ޕީއެންސީން އެ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރާނެ އެހެން ކެންޑިޑޭޓެއް ހޯދާ ކަމުގެ އަޑުތައް ފެތުރިފައިވާއިރު އަޒާންގެ ގޮނޑި ގެއްލުވާލާފިނަމަ އަނބުރާ އެ ގޮނޑިއަށް އަމިއްލަ މެމްބަރެއްގެ ހައިސިއްޔަތުން ހޮވާދޭނެކަމަށް އެ ދާއިރާއަށް ނިސްބަތްވާ ގިނަ ރައްޔިތުން ދަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރަމުންކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved