

މެލޭޝިޔާގައި ގެއްލިގެން ހޯދަމުން އައި އަހުމަދު އުސެއިދު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
އޭނާގެ އާއިލާއިން ބުނީ އުސެއިދު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް މިހާރު އަންގާފައިވާ ކަމަށެވެ. އަދި މެލޭޝިޔާ ފުލުހުން އަންގައިގެން އާއިލާ ވެސް މިހާރު ތިބީ އެ އިދާރާ އަށް ހާޒިރުވެފަ އެވެ.
އުސައިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތުހުމަތެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.
އުސައިދުގެ ބައްޕަ، އިބްރާހީމް އަފީފް އިއްޔެ ވަނީ އޭނާގެ ދަރިފުޅު މިދިޔަ އާދިއްތަ ދުވަހުގެ 15:15ގެ ފަހުން 'ސަންވޭ ޖީއޯ'އިން ނުކުމެގެން ދިޔަގޮތަށް އެއްވެސް ހަބަރެއްނުވެގެން އެރޭގެ 22:00ގައި އެކަން ޕޮލިހަށް އެންގި ކަމަށް ބުނެފަ އެވެ.
އުސެއިދު ހޯދުމަށް ކުރި މަސައްކަތުން ސީސީޓީވީ ފުޓޭޖުތަކުންނާއި ބައެއް މީހުން ދިން މައުލޫމާތުތަކުން އުސައިދު އެ ދުވަހުގެ ހަވީރު 4 ޖެހިއިރު އެމްބަސީ އަށް ދިޔަ ކަން ވަނީ އެނގިފައި ކަމަށް ބައްޕަ ބުނެފައިވެ އެވެ.
މެލޭޝިޔާގައި ދިވެއްސަކު ގެއްލިގެން އުޅޭކަމަށް ފޮރިން މިނިސްޓްރީއިން މައުލޫމާތު ދީފައި ވަނީ އިއްޔެގައެވެ. އެމީހާ ހޯދުމަށް ގިނަ ބަޔަކު ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އޭނާގެ ފޮޓޯ ހިއްސާކޮށް، އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ މީހެއް ނަމަ، އެމައުލޫމާތެއް ރާއްޖޭގެ ހައިކޮމިޝަނާ ހިއްސާކުރަން އެދިފައި ވެއެވެ.