

ހުޅުމާލޭގެ ދެ ފިޔަވަހި ގުޅާލުމަށް ހަދާފައިވާ ބްރިޖުތަކުގެ ތެރެއިން ބްރިޖަކުން މޫދަށް ވެއްޓުނު މީހަކު ސަލާމަތްކޮށްފި އެވެ.
މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ ހުޅުމާލެ، ހިތިގަސް މަގު ބުރިޖުން މީހަކު ވެއްޓިފައިވާކަމުގެ މައުލޫމާތު ރޭ ފަތިހު 05:42 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން ފުލުހުން އެ ތަނަށް އެޓެންޑުވެ އެމީހާ ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މީހާ ނެގީ ދެ ފުލުހުން މޫދަށް ފުންމާލައިގެންނެވެ.
ހެނދުނު 06:13 ހާއިރު ހުޅުމާލެ ހޮސްޕިޓަލަށް އެ މީހާ ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މިހާރު އެ މީހާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ.
ފުންމާލީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް އެނގިފައެއް ނުވެ އެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން ހިއްސައެއް ނުކުރެއެވެ.
މީގެ ކުރިން ވެސް ސިނަމާލެ ބްރިޖް މަތިން ބައެެއް މީހުން ފުންމާލާފައިވެ އެވެ.