

އިންޑިއާގެ ޓެމިލްނާޑޫގެ ޓުޓިކޮރިން އިން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި އެވެ.
މި ތަކެތި އަތުލައިގެންފައި ވަނީ، އިންޑިއާގެ ކޯސްޓުގާޑާއި ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަންއެއްގަ އެވެ.
އިންޑިއާގެ ނޫހެއްގައި ރިޕޯޓުކޮށްފައި ވާގޮތުން، އިންޑިއާގެ ޓުޓިކޮރިން ބަނދަރުން މާލެއަށް މަސްތުވާތަކެތި އުފުލާކަމުގެ ރިޕޯޓެއް ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސަށް ލިބި އެކަން ހުއްޓުވުމަށްޓަކައި އެގައުމުގެ ކޯސްޓުގާޑުން އޮޕަރޭޝަނެއް ފެށިއެވެ.
އެއާއެކު، މިދިޔަ ބުދަ ދުވަހު އެގައުމުގެ ކޯސްޓު ގާޑުގެ ދެ އުޅަނދަކުން، މަސްތުވާތަކެތި އުފުލި ބޯޓު ހިފެހެއްޓީ ގަލްފް އޮފް މަންނާ ކިޔާ ސަރަހައްދަކުންނެވެ. އެއީ އިންޑިއާގެ ޓަމިލްނާޑު އާއި ސްރީލަންކާއާ ދެމެދު އޮންނަ ސަރަހައްދެކެވެ.
މި ބޯޓު ޓުޓިކޮރިން ބަނދަރަށް ގެންގޮސްފައިވާއިރު، މަސްތުވާތަކެއްޗާއެކު 9 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. ނަމަވެސް ހައްޔަރު ކޮށްފައިވާ މީހުންގެ ވަނަވަރެއް ހާމަކޮށްފައެއް ނުވެއެވެ.
ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އަތުލައިގަތީ ބަރުދަނުގައި 30 ކިލޯ ހުރި ހެޝިޝް އޮއިލްގެ ޝިޕްމަންޓެކެވެ. އެ ތަކެތީގެ މަގުމަތީ އަގު 3.8 މިލިއަން ޑޮލަރު (58.5 މިލިއަން ރުފިޔާ)އަށް އަރަ އެވެ.