

ގައުމީ ސަލާމަތުގެ އޮޕަރޭޝަނާ ބެހޭ ބަޔާން ކެންސަލްކުރީ މައުލޫމާތު ޔަގީން ކުރަންވާ ވަރަށް ނުކޮށް ބަޔާން ނެރެވުމުންކަން ހާމަވެއްޖެއެވެ.
ގައުމީ ސަލާމަތަށް ނުރައްކާވެދާނެކަމުގެ މައުލޫމާތެއް ލިބިގެން ފުލުހުންނާ ސިފައިންގެ ޚާއްސަ އޮޕަރޭޝަނެއް މާލޭގައާ ހުޅުމާލޭގައި ވެސް ކުރިއަށސް ގެންދާ ކަމަށް ފުލުހުން ހާމަކޮށްފައިވަނީ މިރޭގެ އިރާކޮޅުގެ ވަގުތެއްގައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމަތާކާއި ގުޅިގެން މިރޭ ދިވެހި ފުލުހުންގެ ހިދުމަތާއި ރާއްޖޭގެ ގައުމީ ދިފާއީ ބާރު ގުޅިގެން ގައުމީ ސަލާމާތައި ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ކުރިއަށްގެންދާނެ ކަމަށެވެ.
"މި އޮޕަރޭޝަނާއި ގުޅޭ މައުލޫމާތު ލިބޭ ވަރަކުން ހާމަކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ،". ފުލުހުންގެ ބަޔާނުގައިވެއެވެ.
ނަމަވެސް އޭގެ އިރުގަނޑެއް ފަހުން ބަޔާން މިސް މީޑިޔާގެ ހުރިހާ ޕްލެޓު ފޯމުތަކުން ފުލުހުން ޑިލީޓުކޮށްފައިވާކަން ފާހަގަވުމުން ނޫސްވެރިން ވަނީ އެ ބަޔާން ޑިލީޓުކުރި ސަބަބާ މެދު ސުވާލުކޮށްފައެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ފުލުހުން މީޑިޔާ ގުރޫޕުގައި ހިއްސާކޮށްފައިވާ ގޮތުގައި ސެންސިޓިވް ތަފްސީލުތައް ޔަގީންކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާވިސްއިން ކަށަވަރުކޮށް އިތުރު އަޕްޑޭޓްތައް މީޑިއާއާ ހިއްސާކުރާނެ ކަމަށެވެ.
ފުލުހުން މިފަދަ ޚައްސާސްކަމެއްގައި ކަށަވަރުކުރަން ޖެހޭ މުހިއްމު މައުލޫމާތު ހިއްސާނުކޮށް، ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭނެ ގޮތަކަށް ބަޔާން ނެރުމަކީ ގައިރު ޒިންމާދާރުކަމެއްގެ ގޮތުގައި ނޫސްވެރިން ފާހަގަކޮށްފައިވެއެވެ.