

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ބޭފުޅަކު ހޯދަން ޖޭއެސްސީން ދެވަނަ ފަހަރަށް މިދިޔަ ބުރާސްފަތި ދުވަހު އިއުލާން ކުރުމުން ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ކުރިމަތިލައްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ހުޅުވާލުމުން ކުރިމަތި ލެއްވީ، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އެކަންޏެވެ.
އެހެންވެ މިދިޔަ ބުދަ ދުވަހުގެ ރޭ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ފަހު އަނެެއްކާ ވެސް ހުޅުވާލަން ނިންމި އެވެ. މި ފަހަރު ހުޅުވާލީ މިއަދު ހެނދުނު 10 ޖަހާއިރަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއު ކުރުން މިރޭ އޮންނާނެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަންކުރީ ޖުލައި 24، 2018 ގަ އެވެ. އޭނާ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް އައްޔަންންކުރީ އޮކްޓޫބަރު 26، 2023 ގަ އެވެ. އައްޑޫ ފޭދު އަށް އުފަން ފަނޑިޔާރު ޝަހީދު ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމު ހިމެނެ އެވެ.
މީގެ އިތުރުން ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމާއި ސްޓޭޓް އެޓާނީއެއްގެ މަގާމުވެސް ފުރުއްވާފައެވެ.