
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ ނުވަތަ ޕާޓީން ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފްލޯ ކްރޮސްކޮށްފި ނަމަ ނުވަތަ އެމީހަކު އެހެން ސިޔާސީ ޕާޓީއަކާ ގުޅިއްޖެ ނަމަ މެންބަރުކަމުން ވަކިވާނެ ކަމަށް ބުނެ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ ބުދަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ. މިގޮތަށް ނިންމާ ހުކުމްކޮށްފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އަޣްލަބިއްޔަތުންނެވެ.
މި މައްސަލާގައި ތަފާތު ރަޢުޔެއް ދެއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދެވެ. އެހެން ހުރިހާ ފަނޑިޔާރުން ވަނީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރަޢުޔަށް ތާޢީދު ކުރަށްވާފައެވެ.
މައްސަލައިގައި ހުކުމް ކުރައްވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ ގާނޫނުއަސާސީ މި ސަރުކާރުން ގެނައި އިސްލާހު ބާތިލް ކުރަންޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ.
"ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހަކީ ދުސްތޫރީ ބާރުވެރިކަން ލިބިގެންނުވާ ބާތިލު އިސްލާހެއް ކަމަށް ކަނޑައެޅޭނެ އެއްވެސް ހަމައެއް ނެތް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރުންގެ މައްޗަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ނުހިނގާނެ ކަމަށް ބުނެ ދައުވާ ކުރާ ފަރާތުން ހުށަހެޅި ނުކުތާއަށް ވެސް ކޯޓުން ގޮތެއް ކަނޑައެޅި އެވެ. ސުޕްރީމް ކޯޓުން ނިންމީ މިހާރުގެ މެންބަރުންގެ މައްޗަށް ވެސް އެ އިސްލާހު ތަންފީޒު ކުރެވޭނެ ކަމަށެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރުންގެ މައްޗަށް ތަތުބީގު ކުރެވޭނެ އިސްލާހެއް ނޫން ކަމަށް ކަނޑައެޅޭނެ އަސާސެއް ނެތް ކަމަށް ކަނޑައަޅަން އަހުރެންނަށް ފެނޭ
އުއްތަމަ ފަނޑިޔާރު ޣަނީ ވިދާޅުވިއެވެ.
ފަނޑިޔާރު ސުޖޫންގެ ރައުޔުގައި ވިދާޅުވެފައި ވަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ފެންނަ ކަމަށެވެ. އެއީ ގާނޫނުއަސާސީއާ ހިލާފަށް ގެނައި ބަދަލެއް ކަމަށް ވެސް ރައުޔު އިއްވަވަމުން ފަނޑިޔާރު ވިދާޅުވިއެވެ.
"މިއީ ގަވާއިދުތަކެއްގެ މައްޗަށް ބިނާވާ ކުޅިވަރެއް ރައްޔިތުން ކުޅެމުންދަނިކޮށް، އެނގުމެއް، އަހާލުމެއް އަދި މަޝްވަރާ ކުރުމެއް ނެތި ކުޅުމުގެ މެދުތެރެއިން ގަވާއިދު ބަދަލު ކުރުމުގެ ހާލަތެއް،" ފަނޑިޔާރު ސުޖޫން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށްދީ ގާނޫނުއަސާސީއަށް ގެނައި އިސްލާޙުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިންއެވެ.
މައްސަލަ ކުރިއަށް ދަނިކޮށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ސަސްޕެންޑު ކުރީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ޑރ. އައިޝަތު އަޒްމިރަލްދާ ޒާހިރެވެ. ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ، ތިން ފަނޑިޔާރުންގެ ޖިނާއީ ތަހުގީގެއް ކުރިއަށްދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޖޭއެސްސީ އަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އޭސީސީން އެ މައްސަލައިގައި ވަކި ގޮތެއް ނިންމާފައި ނުވެއެވެ.










