

މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ އަނބިކަނބަލުންގެ ފޯނާއި އިތުރު ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ޝަމްއާންގެ މައްޗަށް ކުރަނީ އިމިގްރޭޝަންގެ ޑިިޓެންޝަނަށް ގެންދިޔަ ބިދޭސީއެއް ދޫކޮށްލުމަށްފަހު އެމީހާގެ ގެއިން ހޯދި ގިނަ އަދަދެއްގެ ފައިސާ ނެގުމަށްފަހު އަމިއްލަ ގޭގައި ބެހެއްޓި ކަމުގެ ތުހުމަތެވެ. އެ މައްސަލައިގައި އޭނާ މަގާމުން ވަކިކޮށް، މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ހައްޔަރު ކޮށްފަ އެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ޝަމްއާންގެ އާއިލާ މީހެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުން އެއީ ޝަމްއާންގެ އަނބިކަނބަލުންގެ ފޯނެވެ.
އަދި، ކޯޓު އަމުރެއްގެ ދަށުން ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެއީ ކޮންބައެއްކަން ހާމައެއް ނުކުރެ އެވެ.
ޝަމްއާނަށް "ރިޝްވަތުގެ" އިނގިލި ދިއްކުރެވުނީ އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ބިދޭސީންތަކެއް އުޅޭ ގެއެއް ބަލައި ފާސްކޮށް ނަގުދު ފައިސާއާ އެކު، އެ ބިދޭސީންތައް ގެންދިޔަކަމުގެ މައުލޫމާތު ތަހުގީގަށް ލިބިފައިވާތީ އެވެ.
ޝަމްއާން ހައްޔަރުކޮށްފައި މިވަނީ ތުރުކީގެ އިސްމާއިލް ނަމަކަށް ކިޔާ މީހަކު މެދުވެރިކޮށް ރައީސް މުއިއްޒު މިސައިލްތަކެއް ނުއަގުގައި ގަންނަން ރާވަމުންދިޔަ ކަމުގެ އަޑުތަކެއް ގަދަވެފައިވަނިކޮށެވެ.
ޝަމްއާން ހައްޔަރުކޮށްފައިވަނީ ރައީސް މުއިއްޒުގެ ސީދާ އިރުޝާދުގެ ދަށުން ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.