ރަސްދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް / ފޭސްބުކް
ހަބަރު
ރަސްދޫން ފިހުނު ޒުވާން ދެމަފިރިން ވެންޓިލޭޓަރަށް ލައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
25 މާރިޗު 2025
މާލެ ސިޓީ

އއ. ރަސްދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި އެވެ.

ރޭ 10:30 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވެފައިވަނީ ރަސްދޫގައި ހުންނަ އއ. އަތޮޅު އޮފީހުގައި މަސައްކަތް ކުރާ އަންހެނަކަށާއި ބީއެމްއެލްގެ މުވައްޒަފަކަށެވެ. އަލިފާން ރޯވީ، އެނގިފައިވާ ގޮތުގައި، އުމުރުން 31 އަހަރުގެ އެ ދެ މީހުންގެ ކޮޓަރީގަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފިހިގެން ހޮސްޕިޓަލަށް ގެނައީ އުމުރުން 31 އަހަރުގެ އަންހެނަކާއި ފިރިހެނެއް ކަމަށެވެ. އަދި އެ ދެމީހުންގެ ހާލު ވެސް ސީރިއަސް ކަމަށާއި، ދެމީހުން ވެސް މިހާރު ވެންޓިލޭޓަރަށް ލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާގައި ގޭގެ ކޮޓަރި ފިޔަވައި އިތުރު ތަނަކަށް ގެއްލުންވެފައެއް ނެތެވެ. އަދި ހާދިސާ ހިނގި ވަގުތު އެ ގޭގައި އިތުރު މީހުން ވެސް އުޅެ އެވެ. އަދި ދެމަފިރިންގެ 5 އަހަރުގެ ދަރިފުޅަށް ވެސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާގައި އެ ދެމަފިރިންގެ ކޮޓަރީގައި މާބޮޑަށް އަލިފާން ނުހިފަ އެވެ. ރޯވެފައި ވަނީ ކޮޓަރީގެ ދޮރު ފޮތިގަނޑެއްގައި އެކަންޏެވެ. އެކަމަކު އެ މީހުންގެ ގައިގައި އެހާ ބޮޑަށް އަލިފާން ރޯވި ގޮތެއް ސާފެއް ނޫނެވެ.

މި ހާދިސާގައި  ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރުމުން މިކަން ހިނގައި ދިޔަ ގޮތް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved