

ފުލުހުން އާއްމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ހދ.ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލްގެ ހައްޔަރުގައި ހުރި މީހަކު 04 އެޕްރިލް 2025 ވަނަ ދަވަހުގެ ރޭ 21:12 އެހާކަށްހާއިރު އަމިއްލަ އަށް މަރުވާން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އޭނާ އަށް ކުޅުދުއްފުށީ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ މީހާއަކީ މަސްތުގެ ހާލަތުގައި ހުރެގެން ގޭގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އެއީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެއްކަން ވެސް ފާހަގަކޮށްފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި އެ ހާދިސާ އާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާ އެކު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހާދިސާގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމުގަ އެވެ.
އަދި ހާދިސާގެ ތަހުގީގަށް މޭޖަ ކްރައިމް އިންވެސްޓިގޭޝަންގެ ޓީމެއް ކުޅުދުއްފުއްޓަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހާ އަމިއްލައަށް މަރުވާން އުޅުނު މައްސަލަ ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭޑާޑްސް ކޮމާންޑުން ހާއްސަ އިސްކަމެއް ދީގެން ދަނީ ކުރިއަށް ގެންދަމުންކަން ފުލުހުން ފާހަގަކުރި އެވެ.
ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި 2022 ވަނަ އަހަރު މީހަކު އަމިއްލައަށް މަރުވެފައިވެ އެވެ. އެއީ ހދ. ނޮޅިވަރަމްގައި އަނބިމީހާ މަރާލި ކަމަށް ތުހުމަތު ކުރެވުނު އދ. ފެންފުށި ރޯޒީ ވިލާ، އަބޫބަކުރު ފައިސަލް އެވެ.