ވެއްޓިފައި އޮއްވައި ފެނުނު ޒުވާނާއާ އެކު އެ ރޭ އުޅުނު ބައެއް މީހުން / ޕޮލިސް
ހަބަރު
އިމާރާތުން ވެއްޓުނު ޒުވާނާގެ މައްސަލާގައި ގިނަ ބަޔަކު ފުރުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
24 އޭޕްރީލު 2025
މާލެ ސިޓީ

މާލޭ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލާގައި އޭނާ ވެއްޓުމުގެ ކުރިން އެކުގައި އުޅުނު މީހުންގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ޒުވާނާ ވެއްޓުނު އިމާރާތަށް ދިއުމުގެ ކުރިއަށް ބުރާސްފަތި ދުވަހުގެ ރޭ ދިޔައީ މއ. މާންދޫގެ ދެކުނު ބައިގައި އޮތް އުފަން ދުވަހުގެ ޕާޓީއަކަށެވެ.ޕާޓީގައި ތިބި މީހުންގެ ޕާސްޕޯޓް ހިފެހެއްޓިކަން ހާމަކުރީ މިހާރު އިސްކަންދަރު ކޮށީގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ޕޮލިސް ކޮމިޝަަނަރު ވިދާޅުވީ ކުއްޖަކު ވެއްޓިފައި އޮއްވައި ރިޕޯޓް ލިބުނީ ހުކުރު ދުވަހު 7:30 ހާއިރު ކަމަށާއި ހޮސްޕިޓަލަށް ގެންދެވުނީ 8:00 ހާއިރު ކަމަށެވެ. އަދި ވެއްޓިފައި އޮތީ ކާކުކަން ދެނެގަތުމަށް ވެސް ވަގުތުތަކަށް ހޭދަވި ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

ކޮމިޝަނަރު ޝުޖާއު ވިދާޅުވީ، ފުލުހުން އާންމު ގޮތެއްގައި މި ފަދަ މައްސަލަތަކުގެ ފުޓޭޖް ހާމަނުކުރި ނަމަވެސް މި މައްސަލައިގައި ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނާތީ އެކަން ވެސް ކުރަން ނިންމީ ކަމަށެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުން މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، އެ މައްސަލާގައި ހިމެނޭ އަންހެން މީހާ އާއި އޭނާއާ އެކު އެތަނުގައި ހުރި ރައުދު އަހުމަދު ޒިލާލުގެ އިތުރުން އިތުރު ހަތް މީހަކު ހިމެނޭ ކަމަށެވެ.

އެ ހަތް މީހުންގެ ޕާސްޕޯޓު ހިފަހައްޓައި އެ މީހުންނާ ގުޅުންހުރި ތަންތަން މިހާރު ބަލައި ފާސްކުރަމުން އަންނަ ކަމަށް ނަވީން ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި މާންދޫގެޔަށް ވަންނަތަން ފެންނަ މީހުންނާ، ވެއްޓުނު ޒުވާނާ އާއި އޭނާއާ އެކީ އުޅުނު މީހާއާ އޮތް ގުޅުމާއި އޭގެ ކުރިން ހިނގި ކަންކަން ދެނެގަތުމަށް ވަކިން ތަހުގީކުރަން ޖެހޭ ކަމަށާއި އެކަން ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

އެ ކުއްޖާ ވެއްޓުނީ އެރޭ އޮތް "ޕާޓީއަކަށް" ފަހު ގެއެއްގެ ތެރެއަށް ވަދެ އުޅެނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ހާމަ ކުރި ގޮތުގައި ހާދިސާ ހިނގި ރޭ 12:30 އެހާކަންހާއިރު އަށް ޒުވާނުން ވަނީ ޕާޓީއަކަށް ގޮސްފައެވެ. އެއީ، މި ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ އާއިލީ ގެކޮޅުކަން ފަހުން ވަނީ އެނގިފައެވެ. އެކަމަކު، ގެކޮޅުގައި ކަމެއް ހިނގި ނަމަވެސް މައްސަލައަށް ނުފޫޒު ވެސް ނުފޯރުވާ ކަމަށާއި އެކަން ހިނގިކަން އެނގުނީ ވެސް ހުކުރު ދުވަހު ހަވީރު ކަމަށް އަމީން ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ. އެގޮތުން ޔުމްނުއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ރޭ ގިނަ އަދަދެއްގެ ޒުވާނުން މާލޭގައި އިހުތިޖާޖު ވެސް ކޮށްފައިވެ އެވެ.

ހ. ފެންޓޯނިއާގޭގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓުން، ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ވެއްޓި އެ ޒުވާނާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފަ އެވެ. އޭނާއަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ ނަމަވެސް، އޭގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved