

ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޒުވާން އަންހެން ކުއްޖާއާ އެކު ހާދިސާ ހިނގި ވަގުތު ހުރި ރައުދު އަހުމަދު ޒިލާލް ތަހުގީގަށް އެއްބާރުލުން ނުދޭތީ އޭނާ ހައްޔަރުކުރަން ކޯޓު އަމުރަކަށް އެދިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅުމައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓުނު މައްސަލާގައި ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ ރޭގެ އެއްވުމުގައި އުޅުނު އެންމެންގެ ވަނަވަރާއި ސިއްރު ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ސީސީޓީވީ ފޫޓޭޖުތައް ވެސް އާންމުކޮށްފަ އެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި އަންހެން ކުއްޖާ ވެއްޓުމާ ހަމައަށް އޭނާއާ އެކު އެންމެ ގާތުގައި އުޅުނީ ގ. އެރިއަދޫ، ރައުދު އަހްމަދު ޒިލާލެވެ.
ރައުދަކީ އަންހެން މީހާ ވެއްޓުނު ގެއަށް އޭނާއާ އެކު ވަތް މީހާ އެވެ.
ރެއާ ހަމައަށް އަޅުގަނޑުމެން މި ކުރި މަސައްކަތުން ފާހަގަކުރަނީ، ކޮރޮބަރޭޝަންގެ މައްސަލަ އެބައުޅޭ ރައުދުގެ ފަރާތުން. ރައުދު އަލުން ހައްޔަރު ކުރުމަށް އަޅުގަނޑުމެން މިހާރު ވަނީ ކޯޓު އަމުރަކަށް އެދިފައި،
ފުލުހުން ވަނީ މައްސަލައިގައި ހިމެނޭ މީހުން މަސްތުވާތަކެއްޗަށް ތަހުލީލުކުރަން ކުޑަކަމުދާތަކެތި ނުދޭތީ ވެސް ކޯޓު އަމުރަކަށް އެދިފައެވެ. މައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު ހިފަހައްޓައި، އެ މީހުން ބަލައި ފާސްކުރަން ފެށީ ވެސް މިއަދެވެ. ހާދިސާ ހިނގީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ.
މައްސަލައިގައި ދެން ހިމެނޭ މީހުންނަކީ:
އައިޝަތު ލަޔާލީ އިގުބާލް
އިޒްދިޔާން މުހައްމަދު މައުމޫން
ޔޫސުފް އަހުމަދު އަކްރަމް
ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު
އާމިނަތު ޖުނައިރާ ޖަމްޝީދު
ހުސައިން ހަމީސް އަލީ
އިޖާޒް ޖާއިޒް
ފުލުހުން ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފަ އެވެ. އޭނާ ވެއްޓުމުގައި އިތުރު މީހެއްގެ އަތެއް ނެތް ކަމަށާއި އެ ހާދިސާ ހިނގިއިރު ގާތުގައި ހުރީ ވެސް ރައުދު އެކަނި ކަމަށް ފުލުހުން ބުންޏެވެ.
ޔުމްނު އާއެކު އުޅުނު މީހުން ހައްޔަރު ކުރުމާ ބެހޭ ގޮތުން ފުލުހުން ވާހަކަދައްކާފައި މިވަނީ އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ނުކުރާތީ އާންމުންގެ ނުރުހުން އަމާޒުވެފައި ވަނިކޮށެވެ.