

އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދާއެކު އެ ރޭ އުޅުނު މީހުންގެ ވަނަވަރު ފުލުހުން މިއަދު އާއްމުކޮށްފި އެވެ.
ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ބުރިން ހުކުރު ދުވަހު ވެއްޓިފައި ވަނީ ހައްވާ ޔުމްނު ރަޝީދު 21، އެވެ.
އެ ހާދިސާ ހިނގަން މެދުވެރި އިރު، އޭނައާ އެކު އުޅުނު މީހުންނަކީ:
1. ރައުދު އަހުމަދު ޒިލާލް، ގ. އެރިޔަދޫ
2. އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
3. އިޒްދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
4. ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގެދެކުނުގެ
5. ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، ހ. މީނާޒް
6. އައިމިނަތު ޖުނައިނާ ޖަމްޝީދު، މ. ތިލަފަޅު
7. ހުސައިން ހަމީސް އަލީ، އަލި، ނ. ވެލިދޫ
8. އިޖާޒް ޖާއިޒް، މާތޮޑާ އަވަށް، ގދ. ފަރެސްމާތޮޑާ
ފުލުހުން މިއަ ބޭއްވި ނޫސްވެރިންގެ ޕޮލިސް ކޮމިޝަނަރު، އަލީ ސުޖާއު ވިދާޅުވީ އެ 8 މީހުންނަކީ ވެސް ޔުމްނުއާ އެކު އުޅުނު މީހުން ކަމަށެވެ.
އަދި މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދާނީ އެންމެންގެ ޕާސްޕޯޓް ހިފަހައްޓައު ރައުދު ހައްޔަރު ކުރުމުގެ އަމުރަކަށް ވެސް މިހާރު އޮތީ އެދިފަ އެވެ.
ފުލުހުން މިއަދު ވަނީ ޔުމްނު ވެއްޓުމުގެ ކުރިން ހިނގާފައިވާ ބައެއް ކަންކަމުގެ ވީޑިއޯ ފުޓޭޖު ވެސް ދައްކައިފަ އެވެ.
ފުލުހުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ދެ މީހެއްގެ ކުށުގެ ރިކޯޑު އެބައޮތެވެ. ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުން މިއަދު ވަކިކުރި އިޒްދިޔާން ވަނީ 2015-2017 އާ ހަމައަށް މަސްތުވާތަކެތީގެ މައްސަލަ އޮތެވެ. އަދި ޔޫސުފް އަހުމަދު އަކްރަމް ވެސް 2017 ވަނަ އަހަރު ހަމަނުޖެހުން ހިންގަފާނެ ކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކޮށްފައިވެ އެވެ.
ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ އެ މީހުން އެރޭ ވަދެފައިވާ ގެތައް ފާސްކުރަން ކޯޓު އަމުރު މިހާރު ލިބިފައިވާ ކަމަށެވެ. އަދި އެ މީހުން ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ރޭ އެއްކޮށް އުޅުނު އެންމެންގެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފަ އެވެ. އޭނާ ވެއްޓުމުގައި އިތުރު މީހެއްގެ އަތެއް ނެތް ކަމަށާއި އެ ހާދިސާ ހިނގިއިރު ގާތުގައި ހުރީ ވެސް ރައުދު އެކަނި ކަމަށް ފުލުހުން ބުންޏެވެ.
ޔުމްނު އާއެކު އުޅުނު މީހުން ހައްޔަރު ކުރުމާ ބެހޭ ގޮތުން ފުލުހުން ވާހަކަދައްކާފައި މިވަނީ އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ނުކުރާތީ އާންމުންގެ ނުރުހުން އަމާޒުވެފައި ވަނިކޮށެވެ.
ހ. ފެންޓޯނިއާގޭގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓުން، ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ވެއްޓި އެ ޒުވާނާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފަ އެވެ. އޭނާއަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ ނަމަވެސް، އޭގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.